މި ކުދިންގެ ރޮބޮޓް އެ ބުނެދެނީ އިސްކޮޅު!

ޕްރޮފެސަރު ހަަސަން އުގައިލްގެ އުގައިލް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން އއ. އުކުޅަހުގައި މިހާރު ކުރިއަށްގެންދާ "އުކުޅަސް ޓެކް ފެއާ 2019" ފައްޓަވައިދެއްވުމުގެ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްޓޯލްތައް ބައްލަވައިލެއްވި އިރު އެންމެ ފާހަގަކޮށްލެއްވޭ ސްޓޯލަކަށް ފެނިވަޑައިގެންނެވީ މި ސްޓޯލެވެ. މިތަނުގައި ތިބީ އުމުރުން އެންމެ ހަ އަހަރާއި ހަތް އަހަރުގެ ކުދިންނެވެ.


މާލޭގައި ހުންނަ "ފޯލޫޕް ކޯޑިން އެކަޑަމީ" ގައި ކިޔަވާ މި ދަރިވަރުން ދައްކާލަން ބަހައްޓާފައި ހުރި ރޮބަޓްގެ ކުރިމައްޗަށް ހުއްޓާލުމުން، މީހާގެ އިސްކޮޅު ބުނެލަދެ އެވެ. މިއީ މިހާރު ދުނިޔޭގައި އާ ޓެކްނޮލޮޖީއަކަށް ނުވިޔަސް، ފާހަގަކޮށްލެވޭ ކަމަކީ މި ރޮބޮޓް އުފެއްދި ކުދިންގެ އުމުރެވެ.

ފޯލޫޕް ކޯޑިން އެކަޑަމީގެ ފައުންޑާ އިސްމާއީލް ރިޔާޒް "މިހާރު" އަށް ވިދާޅުވީ އިސްކޮޅު ބުނެދޭ ރޮބޮޓްގެ އަމަލީ ހުރިހާ މަސައްކަތެއް ކުރީ ކުދިން އަމިއްލައަށް ކަމަށެވެ.

"މިކުދިން މިހާރު ހަދާފައި ހުރި އެއްޗިއްސަކީ މިކުދިން އަމިއްލައަށް ޑިޒައިންކޮށްގެން ޑިވެލޮޕްކޮށްފައި ހަދާފައި ހުރި ރޮބޮޓްތަކެއް. އޭގައި އެހެރީ ހާޑްވެއާ އަދި ސޮފްޓްވެއާ ވެސް އިންޓަގްރޭޓް ކުރެވިގެން، އަޅުގަނޑުމެންގެ ކުދިންގެ ލެވެލްގައި ހަދާފައި ހުރި ރޮބޮޓްތަކެއް،" އޭނާ ވިދާޅުވި އެވެ.

ޓެކްފެއާއަށް ޒިޔާރަތް ކުރެއްވި ބޭރުގެ ސައިންސްވެރިން ވެސް އެ ރޮބޮޓްތައް ބޭނުންކުރައްވައިގެން އިސްކޮޅު ބައްލަވައި ކުދިންނާ ވާހަކަ ދައްކަވައި އުޅުއްވި އެވެ. އެއީ ކުދިންނަށް ލިބުނު ހިތްވަރަކާއި އުފާވެރިކަމެކެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި ދިވެހި ކުޑަކުދިންތަކެއް މިކަހަލަ ރޮބަޓެއްގެ މަސައްކަތެއް ކުރި މިއީ ފުރަތަމަ ފަހަރެވެ. އެކަން ހާއްސަވަނީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ފޯލޫޕްގެ ފައުންޑާ އިސްމާއިލް ރިޔާޒް އުކުޅަސް ޓެކް ފެއާގައި ދަރިވަރުންނަށް އެހީތެެރިވަނީ --ފޮޓޯ:ހުސައިން ވަހީދު/މިހާރު

ފޯލޫޕްގައި ޓެކްނޮލޮޖީ ކިޔަވައިދެނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ ކޯޑިން އާއި އިލެކްޓްރޯނިކް އިންޖިނިއަރިން އަދި ރޮބޮޓިކްސް އެވެ.

އިސްމާއީލް ވިދާޅުވި ގޮތުގައި ފޯލޫޕްގައި ކުދިންނަށް ކިޔަވައިދެނީ އަމަލީ ތަޖުރިބާ ބޮޑަށް ލިބޭ ގޮތަށް ޕްރޮގްރާމްތައް ބައްޓަންކޮށްގެންނެވެ. އެގޮތަށް ކިޔަވައިދޭތީ ކުދިންގެ އިސްނެގުމާއި ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބެ އެވެ. ޓެކް ފެއާގައި ދައްކާލި ރޮބޮޓްތަކާއި އެތަނަށް ޒިޔާރަތްކުރި މީހުންނަށް ކޯޑިންއާ ބެހޭ މައުލޫމާތު ދިނުމަކީ އޭގެ މޭވާ އެވެ.

އިސްމާއީލް ވިދާޅުވީ ރާއްޖޭގެ ދަރިވަރުންނަށް ދެއްވާނެ މެސެޖެއް ނެތް ކަމަށާއި މެސެޖް އޮތީ ބެލެނިވެރިންނަށް ކަމަށެވެ. ކުދިންގެ ވިސްނުން ހުރީ، އޭނާ ވިދާޅުވި ގޮތުގައި، އެއަށް ވުރެ "މާ ކުރީގަ"އެވެ. އެހެންކަމުން އޭނާގެ މެސެޖް އޮތީ ބެލެނިވެރިންނަށެވެ.

"ކުދިންނަށް ފުރުސަތު ފަހިކޮށްދޭށޭ. މިއީ ވަރަށް ހުނަރުވެރި ކުދިންނޭ،" އޭނާ ވިދާޅުވި އެވެ.