އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަން ކުރައްވައިފި

އިސްލާމިކް މިނިސްޓްރީގެ ނައިބު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.


ރައީސް އޮފީހުން ބުނީ އިސްލާމިކް މިނިސްޓްރީގެ ނައިބު ކަމަށް އައްޔަން ކުރެއްވީ ގދ. ތިނަދޫ ކަލްމުނާ ހުސައިން ޝަރީފް ކަމަށެވެ.

ޝަރީފަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފައިވާ އަދި ވޭތުވެދިޔަ 20 އަހަރު އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި މެނޭޖަރު ފެންވަރުގެ މަގާމުތައް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ޝަރީފު ފެނިފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓުގެ ރަނިން މޭޓް މުހައްމަދު ޝަހީމް އަލީ ސައީދުގެ ޓީމާ އެކު އެވެ.

އިސްލާމިކް މިނިސްޓްރީގެ ނައިބުންގެ ގޮތުގައި ދެ ބޭފުޅަކު މިހާރު ވެސް ތިއްބަވަ އެވެ.