ޕީޖީ އަމަލު ކުރައްވަނީ ޔާމީނަށް މަންފާވާ ގޮތަށް: ސިރާޖު

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް އަމަލު ކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަންފާވާ ގޮތަށް ކަމަށް ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޕްރޮސެކިއުޓަ ޖެނެރަލް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ސިރާޖު ވިދާޅުވީ ޔާމީންގެ ޝަރީއަތެއް ހިނގާތީ ޕްރޮސެކިއުޓަ ޖެނެރަލް ވަކިކުރަން ނުޖެހޭނެ ކަމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެ ކަމަށެވެ. އަދި ޔާމީންގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ އެމަނިކުފާނަށް މަންފާ ލިބޭ ގޮތަށް، އެތައް އިޖުރާއަތުތަކެއް ގޯސްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ހެކިވެރިންގެ ހެކި ބަސް ނެގުމުގެ ބަ އެވެ. ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރު ކުރުވި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

"މިއަދުން މިއަދަށް ވެސް އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ ޕްރޮސެކިއުޓަ ޖެނެރަލް މަގާމުން ވަކިކުރުން. އެއީ ގާނޫނަށް މާ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން ޖެހޭނީ އިހްލާސްތެރި، ނަޒާހަތްތެރި ޕްރޮސެކިއުޓަ ޖެނެރަލެއް މަގާމަށް އައްޔަން ކުރަން،" ސިރާޖު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގެ ނައިބު މުގައްރިރު ކަން ކުރައްވާ ސިރާޖު ވިދާޅުވީ ޕީޖީ މަގާމުގައި ހުންނަވަނީ ކޮން ކަމެއް ހާސިލްކުރައްވަން އަދި ކޮން ބޭނުމެއްގައި ކަން ވެސް ސާފުނުވާ ކަމަށެވެ. އެހެންކަމުން ބިޝާމަކީ ޕީޖީގެ މަގާމުގައި ބަހައްޓަން ޖެހޭ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނީ ވަކީލު ސިރާޖު ވިދާޅުވީ އަހަރަކު ދެ ފަހަރު، ޕީޖީން ކުރާ މަސައްކަތްތަކުގެ ރިޕޯޓެއް މަޖިލިހަށް ފޮނުވަން ލާޒިމްކޮށްފައި އޮންނަ އިރު، މިއަދާ ހަމައަށް ވެސް އެ ރިޕޯޓު ލިބިފައި ނުވާ ކަމަށެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުން މިނިވަންވި ހުކުމް އިސްތިއުނާފް ކުރެއްވި ކަމަށް މަޖިލިހުގެ ކޮމިޓީގައި ބިޝާމް ވިދާޅުވި ނަމަވެސް، ހައި ކޯޓުން އެކަން ސާފު ކުރީމަ، ބިޝާމް ދޮގު ހެއްދެވިކަން ސާފު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވި ގޮތުގައި ބިޝާމް އިސްކޮށް ހުންނަވައިގެން، ރާއްޖޭގެ އެތައް ބައެއްގެ މައްޗަށް ނުހައްގުން ދައުވާކޮށް ގާނޫނާ ހިލާފަށް އެތައް ކަމެއް ކުރެއްވި އެ. އެހެންވެ، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބޭފުޅަކު އެ މަގާމުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އަދުލު އިންސާފު ގާއިމްކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ރަނގަޅު، އިހްލާސްތެރި، ގާނޫނާ އެއްގޮތަށް މަސައްކަތް ކުރާނެ ޕީޖީއެއް ހޯދުން ކަމަށް ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިހްލާސްތެރި ޕީޖީއެއް ލިބިއްޖެ ނަމަ، ރިޝްވަތު ނަންގަވައިގެން ހުކުމް ކުރައްވާ ފަނޑިޔާރުންނާއި ވައްކަން ކުރާ މީހުންގެ މައްޗަށް ވެސް ދައުވާ ކުރެވޭނެ ކަމަށެވެ. އަދި ސިއްރު ހެކިންގެ މައުލޫމާތު "އޮޅިގެން" ޕީޖީ އަށް ހާމަނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.