ބޮޑު ޓީޗަރުގެ ކުއްލި މަރުން އެންމެން ރޮއްވާލައިފި

ހދ. ނޮޅިވަރަންފަރު އެންމެން ވެސް ހުސެއިން އަބްދުﷲ އަށް މުހާތަބުކުރަނީ ބޮޑު ޓީޗަރު ނުވަތަ "ސުޕަ" ގެ ނަމުންނެވެ. ތަމްރީނުވެގެން އެ ރަށަށް ދިޔަ އެންމެ ފުރަތަމަ ޓީޗަރަށް ވުމުން ހުސެއިނަށް ރަށުގެ އެންމެން ވަރަށް އިހުތިރާމްކުރެ އެވެ. މިއަދު ހިނގި ހިތާމަވެރި ހާދިސާގައި އަވަހާރަވުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެ ރަށުގެ ގިނަ ބަޔަކު ސިފަކުރެ އެވެ.


ހުސެއިނާއެކު ނޮޅިވަރަންފަރު ސްކޫލުގައި 23 އަހަރު ވަންދެން މަސައްކަތްކުރެއްވި އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރު އަލީ ޔައުގޫބު ވިދާޅުވި ގޮތުގައި ބޮޑު ޓީޗަރުގެ ވަކިވުމަކީ ފޫނުބެއްދޭނެ ގެއްލުމެކެވެ. މީހުންނާ ރަހުމަތްތެރި، ސަކަ މިޒާޖެއްގެ އެ ޓީޗަރު ވަނީ ނޮޅިވަރަމްފަރު ސްކޫލުގައި 35 އަހަރު ވަންދެން ހިދުމަތް ކުރައްވައިފަ އެވެ.

"ވަރަށް ހިންގުންތެރި، ވަރަށް ހީވާގި، ވަރަށް ހިތްހެޔޮ ބޭފުޅެއް. އޭނަ ނުގުޅޭ މީހެއް ނުހުންނާނެ. ސްކޫލުގެ ކަންތައްތަކުގައި ވަރަށް ކައިރިން އަމިއްލަ ގެދޮރުހެން މަސައްކަތްކުރާނެ،" ޖަނާޒާގައި ބައިވެރިވުމަށް އެ އަތޮޅު ހަނިމާދޫ އަށް ދާން ތައްޔާރުވެގެން ހުރި ޔައުގޫބު ވިދާޅުވި އެވެ.

ނޮޅިވަރަންފަރު ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރަން މި މަހުގެ 1 ވަނަ ދުވަހު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ރައީސް އޮފީސް

ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫ އަށް ދަނިކޮށް މޫސުން ގޯސްވެ ލޯންޗް ބަންޑުން ޖަހާލައި ހުސެއިނާއެކު އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެމަފިރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ 30، އަދި ގުރެއިޝާގެ ތިން އަހަރުގެ އަންހެން ދަރިފުޅު ވެސް މަރުވި އެވެ. އޭގެ އިތުރުން އެ ރަށުގައި ދެން އެންމެ ގިނަ ދުވަސްވީ ޓީޗަރު، ޝުކޫރުގެ އަންހެނުން މަރުވެފައިވެ އެވެ.

ޔައުގޫބު ބުނި ގޮތުގައި، ހުސެއިން މާލެ ވަޑައިގަންނަވަން އުޅުއްވީ އަންނަ ހަފުތާގައި ފަށާ ގައުމީ ގުރުއާން މުބާރާތުގައި ވާދަކުރާ އެ ސްކޫލުގެ ޓީމުގެ އޮފިޝަލެއްގެ ގޮތުގަ އެވެ. އެކަމަކު އާއިލާ އިން ބުނި ގޮތުގައި ހުސެއިން ވަޑައިގަތީ މަންމަ ބަލިވެ އުޅޭތީ އެވެ. މަންމަ ދިރިއުޅެނީ މާލޭގަ އެވެ. ޕްރައިމަރީ ގްރޭޑުތަކަށް ކިޔަވައިދެއްވާ އެ ޓީޗަރު ވަޑައިގަތީ ޖާގަ ކަށަވަރު ނުވި ނަމަވެސް ފުރުސަތެއް ލިބިއްޖެ ނަމަ ފުރާ ގޮތަށެވެ.

ހުސެއިންގެ ޖަނާޒާގައި ބައިވެރިވުމަށް އެ އަތޮޅުގެ އެހެން ސްކޫލުތަކުގެ ޕްރިންސިޕަލުން ވެސް ވަނީ ހަނިމާދޫއަށް ދާން ފަށައިފަ އެވެ.

ނޮޅިވަރަންފަރު ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ރޭ ބޭއްވިއިރު، އެ ޖަލްސާގެ ކަންކަމުގައި ވެސް ހުސެއިން އިސްކޮށް މަސައްކަތްކުރެއްވި އެވެ.

"މުޅި ރަށް ހިމޭންވެފައި މި އޮތީ. ހީވަނީ ގައިގެ އެއްބައި އުނިވެގެން އުޅޭހެން. ވަރަށް ހިތްދަތި ދުވަހެއް،" ޔައުގޫބު ބުންޏެވެ.

ޑިންގީ ބަންޑުން ޖަހާލައިގެން މަރުވި ދެމަފިރިން (ކ) އާއި އެ މީހުންގެ ދަރިފުޅު ގުރައިޝާ އަދި ގުރައިޝާގެ ދަރިފުޅު

ނޮޅިވަރަމްފަރުގައި މަސައްކަތްކުރިޔަސް އަތޮޅުގެ އެހެން ސްކޫލުތަކުގެ ވެރިންނާ ހުސެއިން ގާތް ގުޅުމެއް އޮވެ އެވެ. އެގޮތުން، ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ކުރިން ހުންނެވި ސައީދު އަހުމަދު ވިދާޅުވިގޮތުގައި، ނޮޅިވަރަންފަރު ސްކޫލު ކުރިއަރައި ދިއުމުގައި ހުސެއިނަށް އެކަމުން ހާއްސަ ކްރެޑިޓެއް ދޭންޖެހޭނެ އެވެ.

"އެކި ކޮންފަރެންސްތަކުން ދިމާވީމަ ވެސް ވަރަށް މަޖާކޮށް ވާހަކަދައްކާނެ. ވަރަށް ހިތްހެޔޮ ބޭފުޅެއް އެއީ،" މިހާރު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވި ސައީދު ވިދާޅުވި އެވެ.

އެ ދެ ބޭފުޅުން ވަނީ ހދ. އަތޮޅުގައި ތައުލީމް ކުރިއެރުވުމަށް 15 ވަރަކަށް އަހަރު މަސައްކަތް ކުރައްވައިފަ އެވެ.