އެންމެ ކުޑަ އުޖޫރަ ކަނޑައެޅޭވަރު ވާނީ އަންނަ އަހަރު: ފައްޔާޒު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ހުށަހެޅި މެނިފެސްޓޯ " އެޖެންޑާ 19"ގައި ވައުދުވެފައިވާ ގޮތަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ކަންތައް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެެއްޖެ އެވެ.


މާދަމާ ފަށަން ހަމަޖެހިފައިވާ އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް އަށް ތައްޔާރުވުމުގެ ގޮތުން މިއަދު ފެށި ވޯކްޝޮޕްގެ ތެރޭގައި ހިމަނައިގެން މިރޭ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ނަމަ މިހާރުވެސް އެންމެ ކުޑަ މުސާރަ ކަނޑައެޅިދާނެ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން ބަލަން ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަަމަށެވެ. އެންމެ ކުޑަ އުޖޫރަ ކަނޑަނޭޅި ލަސްވާތީ ސުވާލު އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ސުވާލު އެބަ އާދޭ ކީއްވެހޭ މާދަމާއިން މާދަމާއަށް ވެސް [އެންމެ ކުޑަ]އުޖޫރަ ކަނޑަނޭޅެނީ؟ އަޅުގަނޑުމެންނަށް ކަނޑައެޅިދާނެ އެހެން ވެސް އިނގޭތޯ. އެހެން ނަމަވެސް އެއީ މުޅި ދިވެހިރާއްޖޭގެ އިގުތިސޯދަށާއި އަދި ހަމަ ވަަޒީފާގެ ފުރުސަތުތަކަށް ވެސް އެންމެ ރަނގަޅުގޮތަށް އެކަން ނުކުރެވިއްޖެއްޔާ ވަޒީފާގެ ފުރުސަތުތަކަށް ވެސް ނުބައި އަސަރެއް ވެސް ކޮށްފާނެ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ޓަކައި ސަރުކާރުން ދިރާސާ ކުރަމުން އަންނަނީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އެ ވެސް އެހީތެރިކަމާ އެކުގަ އެވެ. އެގޮތުން ބަލާ ކަންތައްތަކުގެ ތެރޭގައި އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅަން ރަނގަޅީ މުޅި ރާއްޖެއަށް އެއް މިންގަނޑަކުންތޯ ނުވަތަ އެކި ދާއިރާތަކަށް ތަފާތުކުރުން ރަނގަޅުތޯ ބެލުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލައިލުމަކީ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފެނޭ. އަޅުގަނޑުވެސް ގަބޫލުކުރަން އެޖެންޑާ 19 ގައި އަދަދުތަކެއް ކަނޑައަޅުއްވާފައި ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒް މި މޭރުމުން ވާހަކަ ދެއްކެވި ޕެނަލް ޑިސްކަޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވަޑައިގެންނެވި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކުރި ކެމްޕޭނުގައި އެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، އެންމެ ކުޑަ އުޖޫރައިގެ ވާހަކަ އެންމެ ގިނައިން ދެއްކެވި އެއްބޭފުޅަކީ ނަޝީދެވެ.