އެންމެންނަކަށް ސަރުކާރުން ވަޒީފާއެއް ނުދެވޭނެ: ނަޝީދު

އެމްޑީޕީއަށް މަސައްކަތް ކޮށްދިން އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ހުޅުމާލޭ ހުރަވީ ސްކޫލުގައި ފެށި އެމްޑީޕީ ޔޫތު ކޮންގްރެސްގައި އެމްޑީޕީއަށް މަސައްކަތް ކުރި މީހުންނަށް ވަޒީފާ ނުލިބޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން ވަޒީފާ ދީގެން އެންމެން ނުގެންގުޅެވޭނެ ކަމަށެވެ.

"ޕެޕާ ސްޕްރޭ ޖެހި އެންމެނަށް ކޮންމެވެސް ގޮތެއް އޮތުމަކީ ބޭނުންތެރި ކަމެއް. އަޅުގަނޑަށް އަނެއްކާވެސް އެވަނީ ވަރަށް ލަދުވެތި ވާހަކައަކަށް. ތިމަންނާ އެވެނި ކަމެއް ކުރީމޭ. އެހެން ހެދީމޭ. ތިމަންނައަށް ނެތޭ އެއްވެސް ކަމެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންނެވި ހަފްލާގައި ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން އޭނާއަށް ކަމެއް ނެތި އޮންނާކަށް. އެކަމަކު އޭނާގެ ކަމެއް އޭނާ ކަމެއް ހޯދުން. ކަމެއްގެ ތެރެއަށް ނުކުތުން."

ސަރުކާރުން މިހާރު ވެސް މުވައްޒަފުންގެ މުސާރައަށް ކުރަން ޖެހޭ ހޭދަ އެތައް ގުނައެއް ބޮޑު ކަމަށާއި އޭގެ ސަބަބުން ތަރައްގީއަށް ކުރެވޭ ހޭދަ ކުޑަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އައިސްލޭންޑުން މިސާލު ދައްކަވައި ނަޝީދު ވިދާޅުވީ އެ ގައުމާއި ރާއްޖޭގެ އާބާދީ އެއްވަރު އިރު އެ މީހުންގެ ސިވިލް ސާވިސްގެ އަދަދަކީ 7،000 ކަމަށެވެ. އެކަމަކު ރާއްޖޭގައި އެ އަދަދު އުޅެނީ 32،000 ގައި ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ކަންކަން ކުރުން ލަސްކަމަށް ދައްކާ ވާހަކައަށް ވެސް ނަޝީދު ރައްދު ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ދޮގެއް ކަމަށާއި އެ ދޮގު ތަކުރާރު ކުރަމުން ދަނީ ތެދަކީ ދޮގެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކަމެއް ލަސްވެގެން، ނުވަތަ ކަމެއް ނުވެގެން އުޅެން ޖެހޭ ވަރެއް އަދި ނުވެ އެވެ.

"އަޅުގަނޑު ވެސް ވާނީ ރާއްޖޭގެ ރައީސްކަން ކޮށްފައި. ރައީސް އަބްދުﷲ ޔާމީން ވެސް އެވަނީ ދައުރެއް ފުރިހަމަ ކުރައްވާފައި. ކޮންމެ ދައުރެއްގައި ވެސް ކަމެއް ހިނގަން ފަށާފައި ހުރީ ކޮން އިރެއްގައިތޯ ބައްލަވާ،" ނަޝީދު ވިދާޅުވި އެވެ.

ވަޒީފާތަކުގައި އަދިވެސް ތިބީ ޔާމީންގެ ސަރުކާރުގައި އުޅުނު މީހުން ކަމަށް ބުނެ ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ މި ސަރުކާރު ގެނައީ އިންސާފުން ކަންކަން ކުރަން ކަމަށެވެ. އެހެންވުމުން ކަންކަން ކުރާނީ ހަމަޔަކުން، އުސޫލަކުން ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ކެންޑިޑޭޓުން ހޯދަން އަންނަ ނޮވެމްބަރު މަހު މަސައްކަތް ފަށާނެ ކަމަށެވެ. މަޖިލިސް އިންތިހާބަށް ވުރެ މާ ރަނގަޅު ނަތީޖާއެއް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯދާނެ ކަމަށް ވެސް ވިދާޅުވި އެވެ.