ގަވަރުނަރު ކަމަށް ހާޝިމް އައްޔަންކުރަން ކޮމެޓީން ފާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނަން ފޮނުއްވި އަލީ ހާޝިމް އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.


އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު ނަސީރު މިދިޔަ ޖުލައި މަހު އެ މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމު ވަނީ ހުސްވެފަ އެވެ.

ކުރިން ފިނޭންސް މިނިސްޓަރު ކަން ވެސް ކުރެއްވި އަލީ ހާޝިމް ގަވަރުނަރުކަމަށް މަގާމަށް އައްޔަން ކުރަން ރުހުން ދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކުރީ އޭނާއާ އިންޓަވިއުކުރުމަށް ފަހު އެވެ.

ކޮމެޓީން އެގޮތަށް ނިންމިޔަސް، މަގާމަށް އައްޔަން ކުރަން ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި، ފާސްކޮށް ގެންނެވެ.

އަލީ ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެންމެ ފުރަތަމަ ފިނޭންސް މިނިސްޓަރެވެ. އޭނާ ދެ އަހަރު ވަންދެން އެ މަގާމު އަދާކުރެއްވި އެވެ.