ގަވައިދާ ހިލާފު ވިޔަފާރި ގާޑިޔާތަކަށް ފިޔަވަޅު އަޅާނަން: އައްޑޫ ކައުންސިލް

ކާބޯތަކެތީގެ ދިވެހި އުފެއްދުންތައް ވިއްކަން އައްޑޫ ގައި ހުއްދަ ދީފައިވާ ވިޔަފާރި ގާޑިޔާތަކުން ގަވައިދާ ހިލާފަށް އިމްޕޯޓް މުދާ ވެސް ވިއްކާކަން ފާހަގަ ކުރެވޭތީ، އެފަދަ ވިޔަފާރިތައް ގަވައިދަށް ފައްތަން އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.


ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ހުއްދަ ކޮށްފައިވާ ވިޔަފާރި އަށް ވުރެ ފުޅާކޮށް، އައްޑޫގެ ގާޑިޔާތަކުގައި ވިޔަފާރި ހިންގަމުންދާ ކަމުގެ ޝަކުވާ ވެސް ލިބެމުންދާ ކަމަށެވެ. އެގޮތުން، ބައެއް ގާޑިޔާތަކުން އިމްޕޯޓް މުދަލާއި ކޮފީ އާއި އެ ނޫން ވެސް ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކާކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުންޏެވެ.

ކައުންސިލުން ބުނިގޮތުގައި ގާޑިޔާތަކުން ވިއްކޭނީ ކުރުނބާ، ދުފުމަށް ބޭނުންވާ ސާމާނު، ހެދިކާގެ ބާވަތްތަކުގެ ތެރެއިން ގިނަ ދުވަހަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށް ލޭބަލް ކޮށްފައިވާ ތަކެއްޗާއި މަސްކާށި، މަސްކުރޮޅި އަދި ދަނޑުވެރިކަމުގެ ބާވަތްތަކެވެ.

"ނަމަވެސް، ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރާ ފަރާތްތަކުން ގާޑިޔަލުން ހިންގޭނެ ވިޔަފާރި އަށް ވުރެ ފުޅާ ދާއިރާގެ ވިޔަފާރި ހިންގަމުންދާ ކަމުގެ ޝަކުވާ މި އިދާރާ އަށް ދަނީ ލިބެމުންނެވެ،" ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ގަވައިދާ ހިލާފަށް ގާޑިޔަލުގެ ވިޔަފާރިކުރާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ ގާޑިޔާތައް ޗެކްކޮށް އިންސްޕެކްޓް ކުރުމުގެ މަސައްކަތް އަވަށު އޮފީސްތަކުން މިހާރު ފަށާފައިވާ ކަމަށެވެ. އެހެންވެ، ގަވައިދުގެ ބޭރުން ވިޔަފާރުކުރާ މީހުން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

"ގަވާއިދާ އެއްގޮތަށް ނުހުންނަ ތަންތަނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް މި އިދާރާއިން އަޅަމުންދާނެ ވާހަކަ ވެސް އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ދެންނެވީމެވެ،" ކައުންސިލުން ބުންޏެވެ.

އައްޑޫގެ ހުރިހާ ރަށެއްގައި ވެސް ގާޑިޔަލުގެ ވިޔަފާރިކުރެ އެވެ. އެގޮތުން، އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި މި ވިޔަފާރި އެންމެ އާންމުކޮށް ހިންގަނީ ލިންކް ރޯޑް ސަރަހައްދުގަ އެވެ.