ރާއްޖެ-އިންޑިއާގެ ބޮޑު މުއާހަދާގައި ސޮއިކޮށްފި

ޖިނާއީ މައްސަލަތަކުގައި ރާއްޖެ އާއި އިންޑިއާ އިން އެއް ގައުމު އަނެއް ގައުމަށް ގާނޫނީ އެއްބާރުލުން ދިނުމުގެ މުއާހަދާގައި މިއަދު ސޮއިކޮށްފި އެވެ.


ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެ އާއި އިންޑިއާ އިން މުއާހަދާގައި ސޮއިކުރީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ފަށާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގެ ހަވާސާގައި އެ ރިސޯޓު ގައި ކަމަށެވެ.

މުއާހަދާގެ ލިޔުން ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޕްރޮސެކިއުޓާ ޖެނެރަލަލް އައިޝަތު ބިޝާމް ބައިވެރިވެވަޑައިގަތެވެ. އިންޑިއާގެ ފަރާތުން އެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ސުންޖޭ ސުދިރެވެ.

މުއާހަދާގެ އެކްސްޗޭންކް ކުރެއްވީ ޝާހިދާއި ޖައިޝަންކަރެވެ.

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" ގެ ނަމުގައި އެކުލަވައިލި އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ޖުލައި އަށެއްގައި ބޭއްވި ޖަލްސާގަ އެވެ.

މުއާހަދާގައި ސޮއިކުރަން ފެންނަ ކަމަށް މަޖިލިހުން ފާސްވީ އެ ދުވަހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެމްބަރުންގެ ތެރެއިން 65 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އިންޑިއާއާ އެކު މި މުއާހަދާ ގާއިމްކުރަން ނުފެންނަ ކަމަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.

މި މުއާހަދާ މަޖިލިހުން ރުހުން ދިނީ ސުޕް މެޖޯރިޓީ ކޮންޓްރޯލްކުރާ އެމްޑީޕީގެ މެމްބަރުންނެވެ.

މުއާހަދާގެ ބޭނުމަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުށްތައް ހުއްޓުވަން ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމެވެ. ކޯޓު އަމުރު ތަންފީޒު ކުރުމުގަ އާއި އެހެނިހެން ޝަރުއީ ކަންކަމާއި ކުށް މަދުކުރުމަށާއި ހުއްޓުވުމަށާއި މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް ބާރު އެޅުމެވެ. އަދި ޖިނާއީ މައްސަލަތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ދެ ގައުމުން އެހީތެރިކަން ދިނުމަށް މުއާހަދާގައި ލާޒިމްކޮށްފައިވެ އެވެ.

މުއާހަދާގައިވާ ގޮތުން، ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދާ އިރު، ތުހުމަތުކުރެވޭ މީހާ އުޅޭ ތަނާއި އެ މީހަކު ގެންގުޅޭނެ ތަކެތި ބެލުމުގެ އިހްތިޔާރު ލިބެ އެވެ. އަދި އެ މީހަކު ގެންގުޅޭ ބޭންކާ ގުޅޭ މައުލޫމާތުތަކާއި މާލީ އަދި ވިޔަފާރީގެ ރިކޯޑުތައް ދޭން ވާނެ ކަމަށް މުއާހަދާގައި ވެ އެވެ. ބަންދުކޮށްފައި ހުންނަ މީހަކު، ތަހުގީގަށް އެއްބާރުލުން ދިނުމުގެ ފުރުސަތު ފަހިކޮށްދޭން ވާނެ ކަމަށް ވެސް މުއާހަދާގައި ބަޔާންކޮށްފައި ވެ އެވެ. މީގެ އިތުރުން އެއްވެސް މީހަކު ޓެރަރިޒަމްގެ އަމަލެއް ހިންގާ ނަމަ، އެ މީހަކު ހަރަދު ކުރަން ގެންގުޅޭ ފައިސާ ހިފެހެއްޓުމުގެ ބާރު ވެސް އޮތީ ދީފަ އެވެ.