ހޯރަފުށީ އެއާޕޯޓު ހަދާ ސަރަހައްދު ހިއްކައި ނިމިއްޖެ

ހއ. ހޯރަފުށީ އެއާޕޯޓު ހަދަން، އެ ރަށު ފަޅުތެރެއިން ހިއްކަން ފެށި ސަރަހައްދު ހިއްކައި ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.


ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، އެމްޓީސީސީގެ މަހާޖައްރާފް ބޭނުންކޮށްގެން އެ ސަރަހައްދު ހިއްކައި ނިންމާލާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެ މަސައްކަތް ކުރާ އެމްޓީސީސީން ވަނީ 345،500 އަކަ މީޓަރު ހިއްކައިފަ އެވެ.

އެ ސަރަހައްދު ހިއްކަން ފެށީ މިދިޔަ އޭޕްރީލް މަހު އެވެ. އެ މަސައްކަތް ކުރިން ނިންމަން ހަމަޖައްސާފައިވަނީ ޖުލައި މަހުގަ އެވެ.

އެ ސަރަހައްދު ހިއްކުމުގެ އަގަކީ 67 މިލިއަން ރުފިޔާ އެވެ.

އެއާޕޯޓް ހެދުމުގެ ހުރިހާ މަސައްކަތެއް ހަވާލުކޮށްފައިވާ އެމްޓީސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހިއްކައި ނިމުމާ އެކު ކުރަން ޖެހޭ އެހެން ކަންކަން ކުރަމުން އަންނަ ކަމަށެވެ.

އަންނަ އަހަރުގެ ކުރީކޮޅު ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 198 މިލިއަން ރުފިޔާ އަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހއ. މާފިނޮޅުގައި އެއާޕޯޓު ހެދުމަށް ބިން ހިއްކަން އެމްޓީސީސީއާ މިދިޔަ އަހަރު ހަވާލުކުރި އެވެ. އެކަމަކު، ޔާމީންގެ ސަރުކާރު ބަދަލުވުމާ އެކު، މި ސަރުކާރުން ވަނީ މާފިނޮޅުގެ ބަދަލުގައި ހޯރަފުށި ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓް ހަދަން ނިންމައިފަ އެވެ. މާފިނޮޅުގައި ހަދަން ނިންމި އެއާޕޯޓު ހޯރަފުއްޓަށް ބަދަލު ކުރި އިރު، އެއީ އެއާޕޯޓް އެޅުމަށް އެންމެ ރަނގަޅު ސަރަހައްދު ނޫން ކަމަށް ހއ. އަތޮޅުގެ ބައެއް ކައުންސިލްތަކުން ވަނީ ބުނެފަ އެވެ. ހޯރަފުށީގައި އެއާޕޯޓް ހަދަން ނިންމުމަކީ ސިޔާސީ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް ކައުންސިލްތަކުން ބުނެފައިވެ އެވެ. ނަމަވެސް އެ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ.