ހާދަ ބޮޑު ފަސޭހައެއް! ހާދަ ބޮޑު އުފަލެއް!

މީގެ އެއް އަހަރު ކުރިން، ސެޕްޓެމްބަރު 7 ވަނަ ދުވަހު މާލޭގެ ބޮޑުތަކުރުފާނު މަގު، ހެންވޭރު ކޮޅަށް ނިމޭ ހިސާބުގައި، ހަވީރުގެ މި ވަގުތު ކޮޅު އޮތީ، އުޅަނދުތަކުން ތޮއްޖެހިފަ އެވެ. އެންމެން ވެސް ބޭނުންވީ، ކުރިމަތިން ފެންނަން އޮތް ސިނަމާލެ ބްރިޖަށް އަރައި، ތަރައްގީގެ އެ ބޮޑު ފަސޭހަ އިހުސާސްކޮށްލާށެވެ.


އޭގެ ގާތްގަނޑަކަށް ދެ ހަފުތާ ފަހުން އޮތް ރިޔާސީ އިންތިހާބުން އޭރުގެ ރައީސް އަބްދުﷲ ޔާމީން ބަލިވިޔަސް، އެމަނިކުފާނުގެ ސަރުކާރުގެ މައިގަނޑު އެއް މަސައްކަތުގެ ގޮތުގައި ބެލި، ސިނަމާލެ ބްރިޖާ އެކު، ރާއްޖޭގެ އެންމެ ކާރޫބާރޫ ބޮޑު އަދި އާބާދީ ވެސް ބޮޑު މާލެ ސަރަހައްދަށް ގެނެސްދިނީ ވަރަށް ބޮޑު ތަރައްގީއެކެވެ.

ރާއްޖޭގެ އެއްވެސް ސަރުކާރަކުން ކުރިން ގެންގުޅެފައި ނުވާ، ޗައިނާއާ ކައިރި ޚާރިޖީ ސިޔާސަތުގެ ފައިދާ ރަމްޒުކޮށްދޭ ސިނަމާލެ ބްރިޖް ސެޕްޓެމްބަރު 7، 2018 ގައި އާންމުންނަށް ހުޅުވާލުމާ އެކު، މާލެ އާއި ހުޅުލެ އަދި ހުޅުމާލެ، ފުރަތަމަ ފަހަރަށް އެއްގަމު މަގުން ގުޅުނީ އެވެ. މިއީ ހިޔާނާތާއި އަނިޔާވެރިކަން ވެސް ބޮޑު ޔާމީންގެ ވެރިކަމުގެ ހަނދާންތައް ދުވަހަކު ވެސް ރާއްޖޭގެ ތާރީޚުން ފޮހެވިގެން ނުދާނެ ފަދަ ކުރިއެރުމެއްކަން، އޭރުގެ އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރި އެވެ.

ބޮޑު ދުވަހެއް، އުފާވެރި ވެސް ދުވަހެއް

އެއީ ތިން އަހަރުގެ މަސައްކަތެކެވެ. ޔާމީންގެ ރިޔާސީ ކެމްޕެއިންގެ އެންމެ ބޮޑު އެޑްވާންޓޭޖަކަށް ސިނަމާލެ ބްރިޖު ވާނެތީ، އިންތިހާބުގެ ކުރިން އެ މަޝްރޫއު ނިންމަން ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ސީސީސީސީން 24 ގަޑިއިރު މަސައްކަތްކުރި އެވެ. އޮއި ގަދަ، ރާޅާއި ބާނި ވެސް ބޮޑު ކަނޑުއޮޅިއެއް ހުރަސްކޮށް ހެދި ބްރިޖަށް ބޭނުންވާ ބޮޑެތި ތަނބުތައް ހަދައި، ޗައިނާ އިން ތައްޔަރުކޮށްގެން ގެނައި ބްރިޖްގެ މައިގަނޑު، އޭގެ މަތީގައި އަތުރާލައި، މަޝްރޫއު ނިންމާލީ، ދިވެހިން ހައިރާންކޮށްފަ އެވެ. އެވަރުގެ މަސައްކަތެއް އޭގެ ކުރިން ހަމަ ލޮލުން ދިވެހިންނަކަށް ނުފެނެ އެވެ.

ސިނަމާލެ ބްރިޖުގެ އެންމެ މައި ދެ ތަނބުގެ ދެމެދު، ޗައިނާ އިން ހަދައިގެން ގެނައި ސުޕާސުޓްރަކްޗާ އިން ގުޅުވާލައި ނޫސްވެރިންނަށް ދައްކާލުން: މަޝްރޫއު ނިންމީ އެންމެ ތިން އަހަރުން -- މިހާރު ފޮޓޯތައް: ހުސެން ވަހީދު

ސެޕްޓެމްބަރު 7، 2018 ބޮޑު ދުވަހަކަށް ވީ، ފުރަތަމަ ފަހަރަށް ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ބްރިޖެއްގެ މަތިން ދިއުމުގެ ފުރުސަތު ދިވެހިންނަށް ލިބުމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށާއި، ހިއްކައިގެން ތަރައްގީކުރި ހުުޅުމާލެއަށް ކަނޑު މަގުން ކުރި ދަތުރުތަކަށް ނިމުން އައީ އެވެ. އެހެންކަމުން ބްރިޖްގައި ސައިކަލް، ކާރު ނުވަތަ އެހެން އުޅަނދެއް ނަމަވެސް ދުއްވާލުމަކީ ގިނަ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ފޫހިވުމެއް ނެތި، މާލޭ ކޮޅުން ކިއޫގައި އެތައް ހާސް ބަޔަކު ވަގުތު ހޭދަކޮށްލީ އެ އިހުސާސް ތަޖުރިބާކޮށްލާށެވެ.

އެ ދުވަހު ބައެއް މީހުން ބުނީ "މިއީ އޭގެ ކުރިން ދުވަހަކު ވެސް ގަބޫލުކުރި ކަމެއް ނޫން" ކަމަށެވެ. އަނެއް ބައެއްގެ ނަޒަރުގައި "ގައުމަކަށް އަންނަން ޖެހޭ ހަގީގީ ތަރައްގީއަކީ މިއެ"ވެ. އެފާވެރިކަމުގައި އެތައް ބަޔަކު، މާލެ އާއި ހުޅުމާލެއާ ދެމެދު އެތައް ބުރެއް އެޅި އެވެ. ފުރަތަމަ ފަހަރަށް ހުޅުމާލޭގެ މަގުތައް ތޮއްޖެހުނެވެ.

ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ބަހަކަށް ބަޔަކު އަރަނީ: ބްރިޖާ އެކު ދަތުރު ދަތުރަށް އެތައް ލުއި ކަމެއް ލިބުނު-- ފޮޓޯ: މިހާރު

ސިނަމާލެ ބްރިޖާ ބެހޭ ދިރާސާ އިން ފެންނަ މަންޒަރު

ސިނަމާލެ ބްރިޖާ ގުޅިފައިވާ ބައެއް ހަގީގަތްތައް އިލްމީ ގޮތުން ވެސް ފެންނަން އެބަ އޮތެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސްޓޫޑެންޓް ޔޫނިއަން އާއި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗްރަލް އޯގަނައިޒޭޝަން އިން ހެދި ދިރާސާއިން އެ ބޮޑު މަންޒަރު ފެނެ އެވެ. ގާތްގަނޑަކަށް 300 މީހުން ބޭނުންކޮށްގެން ހެދި ދިރާސާ އިން ދައްކާ ގޮތުގައި ބްރިޖާ އެކު ލިބުނީ ހަމައެކަނި ފަސޭހަތަކެއް ނޫނެވެ. ވިޔަފާރިތައް ވެސް ފުޅާވި އެވެ.

އެ ދިރާސާ ބުނާ ގޮތުން ބްރިޖް ބޭނުންކުރާ މީހުންގެ 54 ޕަސެންޓަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުން މާލެ އަންނަނީ ކިޔެވުމަށާއި ވަޒީފާއަށެވެ. ބްރިޖު ބޭނުންކުރާ އަނެއް 46 ޕަސެންޓް މީހުންނަކީ މާލޭގައި ދިރިއުޅޭ މީހުންނެވެ.

ސެޕްޓެމްބަރު 1، 2018 ގައި އޮތް ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަނީ: މިއީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ މުހިންމު އެއް މަޝްރޫއު -- ފޮޓޯ: މިހާރު

އޭގެ ތެރެއިން 48 ޕަސެންޓް މީހުން ދުވާލަކު ދެ ފަހަރު ބްރިޖުން ދަތުރު ކުރެ އެވެ. އަދި 38 ޕަސެންޓް މީހުން ދުވާލަކު ހަތަރު ފަހަރު ބްރިޖް ބޭނުންކުރެ އެވެ. ދުވާލަކު ހަތަރު ފަހަރަށް ވުރެ ގިނައިން ބްރިޖު ހުރަސްކުރާ ޕަސެންޓޭޖް އުޅެނީ 13 ގަ އެވެ.

ދިރާސާއެއް ނުހެދިޔަސް އެނގޭ ހަގީގަތަކީ ގިނަ މީހުން ބްރިޖަށް އަރަނީ ސައިކަލްގައި ކަމެވެ. ނަމަވެސް ދިރާސާ އިން އޭގެ އަސްލު ޕަސެންޓޭޖް އެނގެ އެވެ. އެގޮތުން ސައިކަލްގައި ސިނަމާލެ ބްރިޖް ހުރަސް ކުރާ މީހުންގެ ނިސްބަތަކީ 75 ޕަސެންޓެވެ. އަދި 13 ޕަސެންޓް މީހުން ބަހުގައި ދަތުރު ކުރާއިރު ޓެކްސީގެ ބޭނުން ހިފަނީ އެންމެ އަށް ޕަސެންޓެވެ.

ސިނަމާލެ ބްރިޖަކީ އިގްތިސާދީ ގޮތުން ވެސް ލިބުނު ރަނުގެ ފުރުސަތެކެވެ. ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގެ އިތުރުން ޓެކްސީ ޑްރައިވަރުންގެ އާމްދަނީ ބޮޑުތަނުން މައްޗަށް ދިޔަ އެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި ބްރިޖާ އެކު މުދާ އުފުލުމުގެ އަގު ހެޔޮވެ، ބޮޑެތި ފަސޭހަތަކެއް ލިބުނެ އެވެ. ދިރާސާގައި ސުވާލުކުރި ހުޅުމާލޭގެ 32 ޕަސެންޓް ވިޔަފާރީގެ ސޭލްސް ވަނީ 200 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި 20 ޕަސެންޓް ވިޔަފާރީގެ ސޭލްސް އުޅެނީ، ބްރިޖް ހުޅުވުމުގެ ކުރިއާ އަޅާބާލާއިރު، 50 ޕަސެންޓް މަތީގަ އެވެ.

ބްރިޖް އެޅިޔަސް އިންތިހާބުގައި ނާކާމިޔާބު

ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ޚަރަދުވި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ.

އެކަމަކު ތަރައްގީގެ މި ބޮޑު މަޝްރޫއު އާއި އާންމުންނަށް ލިބުނު ފަސޭހަތައް ކިތައްމެ ގިނަޔަސް، ސިނަމާލެ ބްރިޖަކީ، ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވަން ޔާމީނަށް ލިބިވަޑައިގެންނެވި އެޑްވާންޓޭޖަކަށް ނުވި އެވެ. ކެމްޕެއިންގެ އެންމެ ފަހު ރެލީ އޮތީ މާލެ އިން ބްރިޖް ފެށޭ ސަރަހައްދުގަ އެވެ. ޔާމީން ވަރަށް ބޮޑެތި އުއްމީދުތަކެއްގެ ވާހަކަ، ބްރިޖަށް އިޝާރަތްކުރައްވަމުން، ދެއްކެވި އެވެ.

އެކަމަކު އެމަނިކުފާނާ ގުޅިފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކާއި އިދިކޮޅު ލީޑަރުން ހައްޔަރުކޮށް، ޖަލަށް ލުން ފަދަ ބޮޑެތި އެތައް ކަމެއް ހިނގުމުން، ގިނަ ބައެއްގެ ވިސްނުން އޮތީ ބަދަލުވެފަ އެވެ. އިންތިހާބު ނާކާމިޔާބުވީ، އޭގެ ކުރިން އެއްވެސް ރައީސަކު ތަޖުރިބާކުރައްވާފައި ނުވާ ފަދަ ބޮޑު ތަފާތަކުންނެވެ.

އެއީ ސިޔާސީ ހަގީގަތެކެވެ. އެކަމަކު ޔާމީންގެ ވެރިކަމުގައި ހިންގެވި ސިނަމާލެ ބްރިޖްގެ މަޝްރޫއުގެ ފައިދާ އާއި ފަސޭހަ ދިވެހިންގެ ދިރިއުޅުމުން ނެތިގެން ނުދާނެ އެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގެ ބޮޑު ހަނދާނެކެވެ.