އިންޓެލް ދެ ފުލުހުން އެއްވެސް އިރަކު ވަޒީފާ އިން ވައްކެތް ނުކުރޭ: ޕޮލިސް

ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި ކަމަށް ރިޔާސީ ކޮމިޝަނުން ބުނާ، އިންޓެލިޖެންސްގެ ދެ ފުލުހުން އެއްވެސް އިރަކު ވަޒީފާ އިން ވަކި ނުކުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


ރިލްވާން ވަގަށް ނަގާފައި ވަނިކޮށް، އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ދައްކަން ޕާސްޕޯޓެއް ހައްދަން އުޅުނު ކަމަށް ބުނާ އިންޓެލިޖެންސްގެ ދެ ފުލުހުންނަކީ، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓުގައިވާ ގޮތުން މުހައްމަދު ޖިނާހާއި އިބްރާހިމް ރިފްއަތެވެ.

އެ ދެ މީހުންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބަލައި ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި އެ މީހުންނަށް އަލުން ވަޒީފާ ދިނީ މި ސަރުކާރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާތީ، މީޑިއާ އިން ސުވާލު ކުރުމުން ފުލުހުން ބުނީ އެއީ ދޮގެއް ކަމަށެވެ.

"މި ދެ ފުލުހުން އެއްވެސް އިރެއްގައި ފުލުހުންގެ ވަޒީފާ އިން ވަކި ކޮށްފައެެއް ނުވޭ،" ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕްގައި ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވި އެވެ.

ފުލުހުން އެހެން ބުނިއިރު، ޖިނާހާއި ރިފްއަތު ހައްޔަރު ކުރަންޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަކަށް ނުދެކޭ ކަމަށް ރިޔާސީ ކޮމިޝަނުން ވަނީ ފުލުހުންނަށް އަންގައިފަ އެވެ. އެގޮތުން ކޮމިޝަނުން މިހާތަނަށް ފާހަގަކޮށްފައިވާ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކި ލިބިފައި ނުވާތީ އެ މައްސަލައާ ގުޅިގެން ރިފްއަތާއި ޖިނާހު ހައްޔަރުކުރަންޖެހޭ ގާނޫނީ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް ފާހަގަ ކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވެ އެވެ.

އެކަމަކު، އެ ދެ ފުލުހުންނަށް އިދާރީ ފިޔަވަޅު އެޅުމަށްޓަކައި އެ މީހުންގެ މައްސަލަ ތަހުގީގު ކުރަން ފެންނަ ކަމަށް ކޮމިޝަނުން ވަނީ ފުލުހުންނަށް އަންގައިފަ އެވެ.

ފުލުހުން ބުނެފައި ވަނީ ޖިނާހާއި ރިފްއަތު އިއްޔެ އިން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އިދާރީ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން އެ ދެ ފުލުހުންގެ މައްސަލަ ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅަން ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވެ އެވެ. އަދި ބުނީ ރިލްވާނާ ގުޅޭ ގޮތުން ފުލުހުންގެ އިންޓެލިޖެންސުން ކުރިން ހިންގާފައިވާ އޮޕަރޭޝަންސްއާ ބެހޭ ކަންކަން ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.