މުސާރައިގެ އާ އޮނިގަނޑަށް އަންނަ އަހަރު އަމަލުކުރަން ފަށާނެ

ދައުލަތުގެ މުސާރައިގެ އޮނިގަނޑާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާ އާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސް އަށް ރިއާޔަތްކޮށް ހަދާ މުސާރައިގެ އާ އޮނިގަނޑަށް އަންނަ އަހަރު އަމަލުކުރަން ފަށާނެ ކަމަށް، ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ބުނެފި އެވެ.


އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނީ 96 ފަންނަކާއި ގިންތިތަކުގައި ޝަރުތުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ ޝަރުތުތަކާ ބެހޭގޮތުން، އެ ފަންނުތަކުގެ މުވައްޒަފުންނާއި އިދާރާތަކާއެކު މަޝްވަރާކުރަން ހަމަޖައްސާފައި ވާތީ އެކަމަށް އެންމެން އެއްބާރުލުން ދިނުމަށް އެދިފައި ވެ އެވެ.

"ދައުލަތުގެ އިދާރާތަކުގެ މިހާރު އަމަލުކުރަމުންދާ މުސާރައިގެ އޮނިގަނޑުތަކާ ބެހޭގޮތުން މި ކޮމިޝަނުން ކޮށްފައިވާ ދިރާސާތަކުގެ އަލީގަ އާއި ބައިނަލްއަގުވާމީ ބެސްޓް ޕްްރެކްޓިސްއަށް ރިއާޔަތްކޮށް، މަތީގައި ފާހަގަކޮށްފައިވާ ފަދައިން ހުރިހާ ފަންނުތަކެއްގެ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތައް ކަނޑައެޅުމަށްފަހު، އެއިން ކޮންމެ ފަންނެއްގެ މުސާރަތައް ހިމެނޭގޮތަށް ދައުލަތުގެ މުސާރައިގެ އާ އޮނިގަނޑު މި ކޮމިޝަނުން އެކުލަވާލައި އަންނަ އަހަރުގެ ތެރޭގައި އެއަށް އަމަލުކުރަން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ،" ޕޭ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައިވެ އެވެ.

ދައުލަތުގެ އިދާރާތައް ހިމެނޭ ފަންނުތައް ގްރޫޕުކުރުމަށް ފަހު "މޯލްޑިވްސް ޕަބްލިކް ސާވިސް ޖޮބް ފެމެލީ މޮޑެލް" މިހާރު ވަނީ ކޮމިޝަންގެ ވެބްސައިޓުގައި އާއްމުކޮށްފަ އެވެ.

ކޮމިޝަންގެ މަސައްކަތްތައް ވީހާ ވެސް އަވަސްކުރުމަށް، އިދާރާތަކުގައި މިހާރު އަމަލުކުރަމުން އަންނަ ފަންނުތަކުގެ އޮނިގަނޑުތަކުގައި ހިމެނޭ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތަކާބެހޭ މައުލޫމާތާއި އިސްލާހުކުރަން އެކުލަވާލާފައިވާ އެފަދަ އޮނިގަނޑުތަކުގެ ދެލިކޮޕީތަކާއި އަލަށް އެކުލަވާލާ އޮނިގަނޑުތަކުގެ ދެލިކޮޕީތައް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން ޕޭ ކޮމިޝަނަށް ފޮނުވަން އެދިފައި ވެ އެވެ.

މުވައްޒަފުންނަށް މިހާރު ދެމުން އަންނަ އެލަވަންސްތައް އެއްހަމަކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި މުސާރައިގެ އޮނިގަނޑާއެކު އެ މައުލޫމާތު އާއްމުކުރާނެ ކަމަށް ބުނެފައި ވެ އެވެ.