ރިލްވާންގެ ރިޕޯޓް މަޖިލިހަށް ދޭން އަންގާފައެއް ނުވާނެ: ރައީސް

"ގެއްލުވާލާފައިވާ" މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަފުސީލު ޑްރާފްޓް ރައްޔިތުންގެ މަޖިލިހާ ހިއްސާ ކުރަން އެ ކޮމިޝަނަށް އަންގަވާފައި ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ދެ ޑްރާފްޓް ރިޕޯޓެއް ރައީސަށް ވަނީ އަރުވައިފަ އެވެ. އޭގައި ހުރި ބައެއް މައުލޫމާތުތައް ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސް ހުސްނުއްސުދޫއު ވަނީ ހާމަކުރައްވައިފަ އެވެ.

ސުއޫދު ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޑްރާފްޓްގެ ތަފްސީލު ރިޕޯޓާއި ހުލާސާ ރިޕޯޓް އަރުވައިފަ އެވެ. އޭގެ ތެރެއިން ހުލާސާ ރިޕޯޓް މަޖިލިހުގެ ވެބްސައިޓްގައި އާންމުކުރި އެވެ. އޭގައި ވެސް، ރިލްވާން "ގެއްލުވާލުމު"ގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންނާއި އެ މީހުން އޭގައި ބައިވެރިވާ މިންވަރު ހިމެނެ އެވެ. އޭގެ ބަހުސް ވެސް މަޖިލިހުގައި ވަނީ ހިނގައިފަ އެވެ.

ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓު، މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ އަތުގައި.

ޑްރާފްޓް ރިޕޯޓު ލިބުމާ އެކު މަޖިލީހާ އެ ރިޕޯޓު ހިއްސާ ކުރަން ކޮމިޝަންގައި އެދިފައިވާނެތޯ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ދެ ވަނަ ޑްރާފްޓް ރިޕޯޓު ލިބުމާ އެކު އެއްވެސް ފަރާތަކަށް ރިޕޯޓު ހިއްސާ ކުރަން "އަޅުގަނޑު ނުބުނަން" ކަމަށެވެ. އަދި ކޮމިޝަނާ އެކު މަޝްވަރާ ކުރެވުނީ މީޑިއާ އާއި ރައްޔިތުންނަށް ކޮންމެވެސް މައުލޫމާތެއް ހާމަކުރަން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، ރައީސް ފަހުން ވިދާޅުވީ، އިއްޔެ ކޮމިޝަނާ ބައްދަލުކޮށް، ބައެއް މުއައްސަސާތަކަށް ރިޕޯޓު ދޭން އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވި ލިސްޓުގައި ރައްޔިތުންގެ މަޖިލިހުގެ ވާހަކައެއް ވިދާޅެއް ނުވެ އެވެ.

ޑްރާފްޓް ރިޕޯޓުގެ ބަހުސް މަޖިލިހުގައި ހިނގުމުގެ ކުރިން، ނަޝީދު ވަނީ އެ ޑްރާފްޓްގެ ކޮޕީއެއް މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނަށް ދެއްވައިފަ އެވެ. އެހެންވެ، ރިޕޯޓު ލިބިވަޑައިގެންނެވި އެއްވެސް ބޭފުޅަކު، ތަހުގީގަށް ހުރަސް އެޅިދާނެ ކަމެއް ނުކުރަން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު ޔަގީން ކުރަން ބޭނުން ވަނީ ދެން ވެސް، މިހާތަނަށް އެ ޑްރާފްޓް ލިބިވަޑައިގެންނެވި އެއްވެސް ބޭފުޅަކު، ތަހުގީގަށް ހުރަސް އެޅޭ ގޮތަށް ކަމެއް ނުކުރެއްވުމަށް. އަދި ނިންމަން ޖެހޭ، ގުޅުވަން ޖެހޭ ޑޮޓުތަކެއް އެބަހުރި މީގެ ތެރޭގައި. އަޅުގަނޑަށް މި ބަލާލީމަ ވެސް އެބަ އެނގޭ،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދުއާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ރިލްވާންގެ ރިޕޯޓާ ގުޅޭ ގޮތުން މަޖިލިހުގައި މަސައްކަތްތަކެއް ހިނގަމުންދާތީ އެއީ ރިލްވާނަށް އިންސާފު ހޯދަން އެޅޭނެ ހުރަހެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ މަޖިލިހުން ކުރާ މަސައްކަތާ މެދުގައި އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ. މަޖިލިހުން ކުރަން ޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރު މަޖިލިހަށް ލިބިގެންވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިޕޯޓު އާންމު ކުރުމާ ގުޅިގެން މިހާތަނަށް އައިއިރު، "ވީކަމެއް" ވަނީ ވެފަ އެވެ. އަދި ރިޕޯޓުގައި ހުރި ބައެއް މައުލޫމާތުތައް އާންމުވެއްޖެ ނަމަ، ތަހުގީގަށް ދަތިވާނެ ބައެއް ކަންކަން އެބަހުރި ކަމަށާއި އެ މައުލޫމާތު ހިފެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހިފަހައްޓާފައި ދެން ވެސް އަޅުގަނޑުމެން މި ކުރަން ބޭނުންވާ ކަންކަން، މަގްސަދު ހާސިލް ކުރުމަށް، ރިލްވާނަށް ވީ ގޮތެއް ހޯދައިދިނުމަށް އެ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަން ކުރުމުގައި އެންމެން އެއްބާރުލުން ދިނުމަށް މި އެދެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރައީސް ވިދާޅުވީ ކޮމިޝަންގެ ރިޕޯޓު ފުލުހުންނާއި ޕްރޮސެކިއުޓަ ޖެނެރަލާއި އެޓާނީ ޖެނެރަލާ ހިއްސާކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެކަން އެ މުއައްސަސާތަކާ ހިއްސާ ނުކުރައްވައި މަޑުކުރެއްވީ ފައިނަލް ރިޕޯޓު ވަރަށް އަވަހަށް ތައްޔާރު ކުރާނެ ވާހަކަ ކޮމިޝަނުން އެންގުމުން ކަމަށް ވިދާޅުވި އެވެ.

"އެހެންވެ، އަޅުގަނޑު ނިންމި ނިންމުމެއް އެއީ، ހުރިހާ ބޭފުޅުން އެއް މޭޒު ދޮށަށް ގެނެސް، މިކަމުގައި އެކައްޗެއް ކިޔައިގެން ކުރިއަށް ދިއުމަށް. އެހެންވީމަ، ދެން މިކަމުގައި މަސައްކަތް ކުރިއަށް ދާނީ ހުރިހާ ބޭފުޅުންނާ އެކީގައި އެއް އަމާޒަކަށް،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް، ރިޔާސީ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓު ފުލުހުންނަށާއި އެޓާނީ ޖެނެރަލް އޮފީހަށާއި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހާ ހިއްސާ ކުރަން އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.