އައްޑޫގެ ޓޫރިޒަމާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބައްދަލުވުންތަކެއް ބާއްވަނީ

އައްޑޫގެ ޓޫރިޒަމް ދާއިރާ ތަރައްގީކުރުމާ ގުޅޭ ގޮތުން އެ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އައްްޑޫގެ ވިޔަފާވެރިންނާ އެކު ބައްދަލުވުންތަކެއް ބާއްވަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.


ކައުންސިލުން މިއަދު ބުނީ، ފުރަތަމަ ބައްދަލުވުން އޮންނާނީ މާދަމާ ރޭ މާލޭގެ މާބަލް ހޮޓަލުގައި ކަމަށެވެ. އެ ބައްދަލުވުން ފަށާނީ 8:00 ގަ އެވެ.

ދެވަނަ ބައްދަލުވުން މި މަހުގެ 15 ވަނަ ދުވަހު ހުޅުމީދޫގައި ބާއްވަން ހަމަޖެހިފައިވާ އިރު، ތިން ވަނަ ބައްދަލުވުން އޮންނާނީ 16 ވަނަ ދުވަހުގެ ރޭ ފޭދޫގަ އެވެ. އަދި ހަތަރު ވަނަ ބައްދަލުވުން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އޮންނާނީ ހިތަދޫގަ އެވެ.

މި ސަރުކާރުން ދާދި ފަހުން އިއުލާން ކޮށްފައިވާ ގޮތުން ޓޫރިޒަމް ސިޔާސަތުގެ ދަށުން އައްޑޫގައި 8،000 އެނދު ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ. އެ އަދަދުގެ ދެބައި ކުޅަ އެއްބައި، އަލަށް ދޫކުރާ ބިންތަކުން ލިބޭނެ އެވެ.

އެގޮތުން ޓޫރިޒަމް މާސްޓަ ޕްލޭނާ އެއްގޮތަށް އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއްޖެ ނަމަ އައްޑޫގައި އަހަރަކު 600 އެނދު އިތުރުވެގެން ދާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

މީގެ އިތުރުން، އައްޑޫގައި ލޯކަލް ޓޫރިޒަމް ތަރައްގީކުރަން އެސްއެމްއީ ބޭންކުން 80 މިލިއަން ޑޮލަރު ވެސް ރާއްޖޭގެ އެންމެ ދެކުނުގައި އޮތް މި ސިޓީ އަށް ކަނޑައަޅާފައިވާ ކަމަށް ދާދި ފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވި އެވެ.

ދެ ރިސޯޓެއް މިހާރު ހިންގަމުން އަންނަ އައްޑޫގައި މިހާރު އަންނަނީ ތިން ވަނަ ރިސޯޓެއް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް ވެސް ވަމުންނެވެ. އެއީ އިސްމެހެލާހެރައިގައި ތަރައްގީކޮށްފައިވާ ސައުތު ޕާމް ރިސޯޓެވެ.

އައްޑޫ ގަމުގައި އީކްއޭޓާ ވިލެޖްގެ ނަމުގައި ސިޓީ ހޮޓަލެއް ވެސް ހިންގަމުން އަންނަ އިރު، ގެސްޓް ހައުސްގެ ވިޔަފާރި ވެސް އައްޑޫގައި އަންނަނީ ފުޅާވަމުންނެވެ.