މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސަށް ބޭރުން ބޮޑު ތަރުހީބެއް

"މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް"ގެ ނަމުގައި އޭޑީކޭއިން އިންތިޒާމްކޮށްގެން ބާއްވާ މެޑިކަލް ކޮންފަރެންސަށް ދުނިޔޭގެ އެކި ގައުމުތަކުގެ ސިއްހީ މާހިރުންގެ ބޮޑު ތަރުހީބެއް މިފަހަރު ލިބިފައިވާ ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.


ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް އޮންނާނީ ސެޕްޓެމްބަރު 17 އިން 19 އަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ.

އޭޑީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "މިހާރު" އަށް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން 70 ވަރަކަށް ބައިވެރިންނާ އެކު ބާއްވަން ފެށި ކޮންފަރެންސް ފުޅާވެ، މި އަހަރު 200 ވަރަކަށް މާހިރުންގެ ބައިވެރިވުން ކޮންފަރެންސަށް ލިބިފައިވާ ކަމަށެވެ. މިފަހަރުގެ ކޮންފަރެންސްގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައި 25 ބޭފުޅަކު ބައިވެރިވަޑައިގަންނަވާ އިރު އޭގެ ތެރޭގައި ވަރަށް މަތީ ފެންވަރުގެ ނިއުރޯ ސާޖަނުން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމުތަކުގެ ޑޮކްޓަރުންނާއި ސިއްހީ މާހިރުންގެ ތަރުހީބު އިތުރުވެ، މިދިޔަ އަހަރު ވެސް ކޮންފަރެންސް ބޭއްވީ 150 ބައިވެރިންނާ އެކު. މިއަހަރު އެކަމަކު ކޮންފަރެންސް މިއޮތީ ކުރިއަށް ވުރެ މާ ބޮޑުކޮށް. މިފަހަރު އެބައުޅޭ ގާތްގަނޑަކަށް 200 ބައިވެރިން،" އޭނާ ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އިންޑިއާ، އެމިރޭޓްސް އަދި އިޓަލީގެ މާހިރުން ވެސް ކޮންފަރެންސްގައި ބައިވެރިވި އެވެ. މި އަހަރުގެ ކޮންފަރެންސްގައި އެމެރިކާ އާއި އޮސްޓްރޭލިއާގެ މަޝްހޫރު ބައެއް ޑޮކްޓަރުންނާއި ނަރުހުން ވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ ހަމަ އެންމެ މަތީފަންތީގެ ނިއުރޯ ސާޖަނުން މި އެބަ ބައިވެރިވެވަޑައިގަންނަވާ. އެހެންވީމާ މި ކޮންފަރެންސްގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ގިނަ ނޮލެޖް ލިބިގެން މިދަނީ،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ބާއްވާ ސައިންސްގެ އެންމެ ބޮޑު ކޮންފަރެންސަށް "މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019" ވެގެންދާނެ އެވެ.

އަފްއާލް ވިދާޅުވީ ކޮންފަރެންސް ބާއްވަން ސްޕޮންސަރުންގެ ގޮތުގައި ކުރިއްސުރެ އެހީތެރިވަމުން އަންނަ ކުންފުނިތަކުގެ އިތުރުން ސަރުކާރާއި ރާއްޖޭގެ ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ.

ކޮންފަރެންސްގެ ޑައިމަންޑް ޕާޓްނަރަކީ ވޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުންޏަކީ ހަށިގަނޑުގައި އިމްޕްލާންޓް ކުރަން ޖެހޭ މަސްނޫއީ ބާވަތްތަކުގެ އިތުރުން މެޑިކަލް އެހެން އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް އެތެރެކުރާ ކުންފުންޏެކެވެ. ޕްލެޓިނަމް ޕާޓްނަރުންގެ ތެރޭގައި އޭޑީކޭ ޖެނެރަލް ޓްރޭޑިން، އެސްޓީއޯ، ޑރ. ރެޑީސް އަދި އިންޑިއާގެ އެޗްއެންއެން ބްރެއިން ވޯކްސް ލިމިޓެޑް ހިމެނެ އެވެ.

"ޕާޓްނަރުންގެ އިތުރުން ހެލްތު މިިނިސްޓްރީ އާއި ރާއްޖޭގެ ހުރިހާ ބޮޑެތި ހޮސްޕިޓަލްތަކުގެ އެއްބާރުލުން ވެސް އަޅުގަނޑުމެންނަށް ލިބޭ. އެހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން،" އަފްއާލް ވިދާޅުވި އެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގައި ހުށަހަޅާ ކަރުދާސްތަކުގެ ތެރޭގައި ސިއްހީ ދާއިރާ އަށް މުޅިން އަލަށް ތައާރަފް ކުރާ އާ އީޖާދުތަކުގެ މައުލޫމާތާއި މިހާރު ވެސް އީޖާދުކޮށްފައި ހުރި ބައެއް ފަރުވާތައް މިހާރަށް ވުރެ ފުރިހަމައަށް ކުރިއަށް ގެންދާނެ ގޮތްތަކުގެ މައުލޫމާތުގެ ކަރުދާސްތައް ހިމެނޭނެ އެވެ. އޭގެ އިތުރުން ލައިވްކޮށް ސާޖަރީއެއް ހެދުން މިފަހަރުގެ ކޮންފަރެންސްގައި ވެސް އޮންނާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.

"ރާއްޖޭގެ ފަރާތްތަކަށް މިލިބެނީ އެހެންވީމާ އެންމެ މަތީ ފެންވަރުގެ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު،" އޭނާ ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވި ގޮތުގައި މި އަހަރުގެ ކޮންފަރެންސަށް ބޮޑު ތަރުހީބެއް ލިބުނު އެއް ސަބަބަކީ މި ކޮންފަރެންސް ބާއްވާނެ ތާރީހު މިދިޔަ އަހަރު އިއުލާނުކޮށްފައި އޮތުމެވެ. އެހެންވެ މި އަހަރު ވެސް އަންނަ އަހަރު ކޮންފަރެންސް ބާއްވާނެ ތާރީހު އިއުލާނު ކުރާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.