ދީނަށް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަަށް 15 ދުވަސް ޖަހައިފި

ދީނަށް ފުރައްސާރަކުރާކަމުގެ ތުހުމަތަށް ގދ. ތިނަދޫން އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.


ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓަރް އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ ދީނަށް ފުރައްސާކުރިކަމުގެ ތުހުމަތަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ މީހާ އަށް، އެހެން މީހަކު އިންޒާރުދިން މައްސަލައެއް ވެސް ބަަލަމުން އަންނަ ކަމަށެވެ.

"ދީނަށް ފުރައްސާރަކުރުމުގެ މައްސަލަ އަދި ފުރައްސާރަކުރި މީހާ އަށް އިންޒާރުދިން މައްސަލަ ވެސް ފުލުހުން ބަލަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އެ ފިރިހެން މީހާ ހައްޔަރު ކޮށްފައި ވަނީ ދީިނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ލިޔަމުންދާ މައްސަލައާ ގުޅިގެން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެއްސެކެވެ.

ތިނަދޫ ކައުންސިލް މެމްބަރަކު ވިދާޅުވިގޮތުގައި ދީނަށް ފުރައްސާރަކުރާ ކަމަށް ތުހުމަތު ކުރެވޭ މީހާ އެ ރަށަށް ދިރިއުޅުން ބަދަލު ކުރީ ވަރަށް ފަހުންނެވެ. މާލޭގައި ދިރިއުޅުނު އެ މީހާ އެ ރަށަށް ބަދަލުވީ ދީނަށް ފުރައްސާރަކޮށް އުޅޭތީ ލިބޭ އިންޒާރުތަކާ ގުޅިގެން ކަމަށް، ރަށު ތެރޭގައި ދެކެވޭ ވާހަކަތަކާ ހަވާލާދީ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.