މިނިސްޓަރުގެ ދިގުހެދުން: އިމާދުއްދީން ޖުވެލް ސެންޓަރުގެ ދަރިވަރުންގެ ފުރިހަމަ މަސައްކަތެއް

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގައި ދުނިޔެ އާއި ރާއްޖެއިން ރަންވަނަތައް ހޯދި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ހަފުލާއިން އެންމެ ބޮޑަށް ފާހަގަވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ތުރުކުރައްވައިގެން ހުންނެވި ދިގުހެދުމެވެ. ފިޔާތޮށި ކުލައިގެ އެ ހެދުން ޒީނަތްތެރިކޮށްފައިވަނީ ޑޭޒީ މަލުގެ ސިފަ ގެނައުމަށްފަހު އޮރެންޖް ކުލަ ބޭނުންކޮށްގެންނެވެ. އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ މަސައްކަތަށް ތައުރީފް ހައްގެވެ.


އެ ސެންޓަރުގެ ލީޑިން ޓީޗަރު ފައުޒިއްޔާ މަހުމޫދު ވިދާޅުވިގޮތުގައި ދިގުހެދުން ޑިޒައިންކުރުމުގައި ބައިވެރިވީ އުމުރުން 12-15 އަހަރުގެ ފަސް ދަރިވަރެކެވެ. އެއީ ލޫތު، އަހުނަފު، ޒިދުނާ، ޔާނިޝް އަދި އަސްމާ އެވެ. އެ މަސައްކަތްކުރީ ސްކޫލު ބަންދު ހަފުތާގައި ކަމަށް ވުމުން، އެކަން ކުރާނެ ދަރިވަރުން ހޮވީ ޖުވެލް ސެންޓަރުންނެވެ.

މީގެ ކުރިން ވެސް، ޖުވެލް ސެންޓަރުގެ ދަރިވަރުން ވަނީ ތަފާތު ހަފުލާތަކަށް އެކި ބޭފުޅުންގެ ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފަ އެވެ.

ޖްވެލް ސެންޓަރުގެ ދަރިވަރުން، މިނިސްޓަރުގެ ދިގުހެދުން ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ޖްވެލް ސެންޓަރު

މިނިސްޓަރު، ދަރިވަރުންނާ ދިގުހެދުން ހަދަން ހަވާލުކުރެއްވީ ދަރިވަރުން ބޭނުން ޑިޒައިނަކަށް އެ ތައްޔާރުކުރާށެވެ.

"ރައީސަށް އަރުވާނެ ހަނދާނީ ފިލައަކާ ގުޅޭ މަޝްވަރާތައް ކުރުމުގެ ތެރޭގައި މިނިސްޓަރަށް ވެސް ފާހަގަވީ އެ ކުދިންގެ މަސައްކަތްތައް. އެހެންވެ ވިދާޅުވީ މިނިސްޓަރުގެ ދިގުހެދުން ވެސް ޑިޒައިންކުރަން އެ ކުދިންނަށޭ ހަވާލުކުރާނީ. ދެން އެ ކުދިން އަމިއްލައަށް، ބޭނުންގޮތަކަށް އެ ޑިޒައިންކުރުމުގެ ފުރުސަތު ދިން،" ފައުޒިއްޔާ ވިދާޅުވި އެވެ.

ޖްވެލް ސެންޓަރުގެ ދަރިވަރުން، މިނިސްޓަރުގެ ދިގުހެދުން ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަނީ: ހެދުން ޒީނަތްތެރިކޮށްފައިވަނީ އޮރެންޖް ކުލަ އާއި ފެހިކުލައިން.-- ފޮޓޯ: ޖްވެލް ސެންޓަރު

ރޭގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ހަނދާނީ ފިލައެއްގެ ގޮތުގައި އެރުވީ ވެސް އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރުގެ ދަރިވަރެއްގެ މަސައްކަތެކެވެ. ގުރައެއްގެ ސިފަ އެ ގެނެސްފައިވަނީ ޕަންޗިން ނީޑްލް ބޭނުންކޮށްގެންނެވެ.

މިނިސްޓަރުގެ ދިގުހެދުން، ކިޔެވުމުގައި ދަތިތަކެއް ހުންނަ އެ ދަރިވަރުން ފުރިހަމަކުރީ ދެ ތިން ދުވަހުގެ ތެރޭގަ އެވެ. ކޮންމެ ދުވަހަކު ވެސް ދެ ތިން ގަޑިއިރު މަސައްކަތްކުރިއިރު އެ ކުދިންނަށް އެހީވުމަށް ޓީޗަރަކު ހުންނާނެ އެވެ. ނަމަވެސް ދިގުހެދުމުން އެ ފެންނަ ފުރިހަމަކަމަކީ އެ ފަސް ކުދިންގެ މަސައްކަތެވެ.

ސާނަވީ އިމްތިހާންގައި ބައިވެރިވެ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވި ހަނދާނީ ފިލާ: އެއީ ވެސް ޖްވެލް ސެންޓަރުގެ ދަރިވަރެއްގެ މަސައްކަތެއް .---ފޮޓޯ: ހުސައިން ވަހީދު /މިހާރު

އެ ދިގުހެދުމަށް އެންމެ ގުޅޭނެ މަލަކާއި ބޭނުންކުރާނެ ކުލަތައް ވެސް ނިންމީ ދަރިވަރުންނެވެ. އެއަށްފަހު މަލާއި ފަތްތައް ކުރަހައި ދެން އިތުރު ފުރިހަމަކަމެއް ގެނައުމަށް ބޭނުންކޮށްފައިވަނީ ވިދާ އެއްޗިއްސެވެ.

ފައުޒިއްޔާ ވިދާޅުވި ގޮތުގައި ޖުވެލް ސެންޓަރުގައި ކިޔަވަމުން އަންނަ ހުރިހާ ކުދިންނަކީ ވެސް ތަފާތު އެކި ހުނަރު ލިބިފައިވާ ކުދިންނެވެ. އެ ހުނަރުތަކުން ފުރުސަތުތައް ލިބިއްޖެނަމަ ތަފާތު ދައްކައި، ކާމިޔާބު ކުދިންނަށް ވާނެކަމަށް ވިދާޅުވި އެވެ.

ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައި އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުން އަންނައިރު، ރޭ ވަނަ ލިބުނު ދަރިވަރުންގެ ނަންތައް އިއުލާންކުރަން ވެސް ޖްވެލް ސެންޓަރުގެ ދަރިވަރަކު ސްޓޭޖަށް އެރި އެވެ. މަސް ދުވަހުގެ މަސައްކަތަށް ވިއަސް އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވަނީ ހުރިހާ ދަރިވަރުންނަށް ވެސް ހަމަހަމަ ފުރުސަތު ދީގެން ކިޔަވައިދޭށެވެ.

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުން ރާއްޖެއިން އެއްވަނަ ހޯދި ދަރިވަރުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ފޮޓޯއަކަށް ހުއްޓިވަޑައިގެން: މިނިސްޓަރު ތުރުކުރައްވައިގެން ހުންނެވި ދިގުހެދުން ޒީނަތްތެރިކުރީ އިމާދުއްދީން ސްކޫލުގެ ޖްވެލް ސެންޓަރުގެ ދަރިވަރުންތަކެއް.---ފޮޓޯ: ހުސައިން ވަހީދު /މިހާރު

"މިފަދަ ކަންތައްތައް ދަރިވަރުން އަދި ބެލެނިވެރިންގެ ހިތްވަރަކަށް ވެސް ވެގެން ދޭ. ވަރަށް ހުނަރުވެރި ކުދިންތަކެއް އެއީ،" ފައުޒިއްޔާ ވިދާޅުވި އެވެ.