މަސްތުވާތަކެތި އެތެރެކުރާ ދޮރުތައް ބަންދުކުރާނަން: ރައީސް

މަސްތުވާތަކެތިން ގައުމު ސަލާމަތްކުރަން އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ އެތަކެތި ރާއްޖެ އަށް ވަންނަ ދޮރުތައް ބަންދުކުރުން ކަމަށާއި ޚާއްސަ އިސްކަމެއް ދީގެން ކަމާބެހޭ އިދާރާތަކުން އެކަން ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ އޯޕަންޑޭ ފައްޓަވައިދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ވަނީީ މި ސަރަހައްދާއި ދުނިޔޭގެ ބޮޑެތި ނެޓްވޯކްތަކާ ގުޅިފައި ކަމަށެވެ. ބައެއް މީހުން އަފްޣާނިސްތާނާއި ޕާކިސްތާނު ބޯޑަރަށް ގޮސް، މަސްތުވާތަކެތި އުފައްދާ މީހުންނާ ބައްދަލުކޮށް ރާއްޖެއަށް އެ އެތެރެކުރުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަސްތުވާތަކެތި އެތެރެކުރަން އެ މީހުން ރާއްޖެ ބޭނުން ކުރަނީ ޓްރާންޝިޕް ޕޯޓެއްގެ ގޮތުގަ އެވެ. އަދި މުޅި ދުނިޔެ އަށް މަސްތުވާތަކެތި ގެންދާ މަންޒިލަކަށް ރާއްޖެ ބަދަލުކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެކަންތައް ހުއްޓުވަން ކަސްޓަމްސް އާއި ފުލުހުންނާއި ކޯސްޓްގާޑް އަދި އިމިގްރޭޝަން ފަދަ ތަންތަނުން މިހާރަށްވުރެ ތެދުވެރިކަމާއި ހަރުދަނާކަމާ އެކު ހަގީގީ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އެންޑީއޭގެ އޯޕަންޑޭ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ރާއްޖެ އަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މި ސަރުކާރުން މިހާތަނަށް ވެސް ވާނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި. މި މަސައްކަތްތަކުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވާ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި، މަސްތުވާތަކެތީގެ ވަބާގައި މީހުން ޖެއްސުމަށް އޮޕަރޭޓް ކުރަމުން ގެންދިޔަ ސިއްރު ކެފޭތަކެއް ހޯދައި އެތަންތަން ބަންދު ކުރެވިފައިވާ ވާހަކަވެސް އަޅުގަނޑު މި ފުރުުސަތުގައި ދަންނަވަން،" ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ. ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާނީ މަސްތުވާތަކެތި އެތެރެކުރާ ދޮރުތައް ބަންދުކޮށް އޭގެ ވިޔަފާރި ހުއްޓުވައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ފަރުވާދީ އެ މީހުން އަލުން މުޖުތަމައުއަށް ގެނައުމަށް ކަމަށް ވިދާޅުވި އެވެ. އެގޮތުން، މި ޒަމާނަށް ފެތޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ހިންގާ ޕްރޮގްރާމުގައި އަމިއްލައަށް އެދިގެން ފަރުވާ ހޯދަން ބޭނުންވާ މީހުން ގިނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ލިސްޓުގައި މިހާރު ވެސް 800 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. އެ ވަބާގައި ޖެހި، މަސްތުވާތަކެތީގެ ޝިކާރައަކަށްވާ މީހުންނަށް އަވަހަށް ފަރުވާދިނުމަކީ މުހިއްމު ކަމަކަށްވާއިރު، އެފަދަ ޕްރޮގްރާމްތައް ހިންގުމަކީ ސަރުކާރުން އެކަނި ކުރާ ކަމެއްގެ ގޮތުގައި އޮތުމަށްވުރެ އަމިއްލަ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލުމަކީ ބޭނުންވާ ނަތީޖާ ހާސިލްކުރަން މަގުފަހިވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތެރެއިން ރިހެބިލިޓޭޝަން ސެންޓަރުތައް އުފައްދައި، އަމިއްލަ ފަރާތްތަކުން ހިންގަން މި އަހަރުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވަބާ މި ގައުމުން ފޮހެލުމުގައި މުޖުތަމައުގެ އެންމެންގެ ދައުރު ވަރަށް މުހިންމުކަމަށް ވިދާޅުވި އެވެ.