އެންމެ ގިނަ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ ޖާބިރު، ވިދާޅުވީ އަދި އޮތީ ކަމަށް!

ރައްޔިތުންގެ މަޖިލިހުގެ މިދިޔަ ދައުރުގައި އެންމެ ގިނަ މައްސަލަ މަޖިލިހަށް ހުށަހެޅުއްވި މެމްބަރަކަށް ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެވަޑައިގެންފި އެވެ.


މަޖިލިހަށް ހުށަހެޅި ގިނަ މައްސަލަތަކަށް ބަހުސް ކުރެއްވުމުގައި އެންމެ ކުރީގައި އުޅުއްވި ޖާބިރަކީ މިދިޔަ ދައުރުގައި އާންމުންގެ އެންމެ ބޮޑު ސަމާލު ކަމެއް ހުއްޓުނު އެއް މެމްބަރެވެ. ވާހަކަ ދެއްކެވުމުގައި ގެންގުޅުއްވި ބަލާގާތްތެރިކަމާއި ދޫފަރިތަކަމުން އާންމުންނަށް ޖާބިރު ވަރަށް ބޮޑަށް ކަމު ވެސް ދިޔަ އެވެ.

ކުއްލި މައްސަލަތަކާއި ގަރާރުތަކާއި ވަޒީރުންނާ ސުވާލު ކުރުމާއި ބައެއް ބިލްތައް ހިމެނޭ ގޮތަށް މިދިޔަ ދައުރުގައި ޖާބިރު ވަނީ ވިއްސަކަށް މައްސަލަ މަޖިލިހަށް ވައްދައިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ އިން އޭނާ ހުށަހެޅުއްވީ ވެސް ގަރާރުތަކެވެ. އެކަމަކު، އެއްވެސް ގަރާރެއް މަޖިލިހަށް ބަލައެއް ނުގަނެ އެވެ.

މަޖިލިހަށް ޖާބިރު ހުށަހެޅުއްވި މައްސަލަތަކުގެ ތެރެއިން ހަމައެކަނި ބަލައިގަތީ އެއްވެ އުޅުމުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހު ބާތިލް ކުރުމުގެ ބިލެވެ. މިދިޔަ ދައުރުގައި ގެނައި އިސްލާހުގައިވާ ގޮތުން ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ކަނޑައަޅައިފަ އެވެ. ޖާބިރު ހުށަހެޅުއްވީ އެ އިސްލާހު ބާތިލްކޮށް، އެއްވެ އުޅުމުގެ މިނިވަންކަން ހޯއްދެވުމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލިހުގައި ވާހަކަ ދައްކަވަނީ. ކުރިއަށް އޮތް ދައުރުގައި ގިނަ ކަންކަން ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި. --- ފޮޓޯ: މަޖިލިސް

ޖާބިރު މަޖިލިހަށް ހުށަހެޅުއްވި ބައެއް ގަރާރުތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރަލާއި އޫރު މަސް މަނާ ކުރުމުގެ ގަރާރަކާއި އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތް 10،000ރ. އަށް ބޮޑުކުރަން، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތައް ފަދަ މައްސަލަތައް ހިމެނެ އެވެ.

"މަގްސަދު ހާސިލްވި، ގިނަ މައްސަލަތަކެއް އަދި ހުރީ"

މަޖިލިހަށް ގަރާރުތަކާއި ބިލްތަކާއި ކުއްލި މައްސަލަތައް ހުށަހެޅުވުމުގައި ޖާބިރުގެ ގާނޫނީ ޓީމުގެ އެހީތެރިކަން ބޮޑެވެ. އެކަމަކު، ގިނަ މައްސަލަތަކަކީ އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ހުށަހެޅުއްވި މައްސަލަތެކެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ހުށަހެޅުއްވި ހުރިހާ މައްސަލައަކީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމެވެ. އެކަންކަން މަޖިލިހަށް ހުށަހެޅުއްވުމަށް ގިނަ ވަގުތުތަކެއް ހޭދަކުރެއްވި ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ހުށަހެޅުއްވި ގިނަ މައްސަލަތައް މަޖިލިހަށް ބަލައިނުގަނެ، ބޭރުކޮށްލިޔަސް، ޖާބިރު ވިދާޅުވީ އެކަމުގެ ސަބަބުން އޭނާ ކުރައްވާ މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި މައްސަލަތައް ހުށަހެޅުއްވުމުގައި ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަޒީރުން މަޖިލިހަށް ހާޒިރުކޮށް ސުވާލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެޅިގެން ދިޔަ ވަރަށް ބޮޑު ބާރެއް ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. ޖާބިރުގެ ހުށަހެޅުއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މަޖިލިހަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގެންނެވި އެވެ.

"އަޅުގަނޑު ހުށަހެޅި މައްސަލަތަކުގެ ސަބަބުން އާންމުން ވަރަށް ބޮޑަށް ހޭލުންތެރިވި. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް. އާންމުން އެކަން ބަލައިގަތް،" މީގެ އަހަރުތަކެއް ކުރިން ވެސް ކާށިދޫ ދާއިރާގެ ގޮނޑި ފުރުއްވި ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އޭނާ ހުށަހެޅުއްވި މައްސަލަތަކާ ގުޅިގެން މަޖިލިހުގައި ވަރުގަދަ ބަހުސްތަކެއް ހިނގުމަކީ މައްސަލަތަކުގެ ސީރިއަސް ކަން ހާމަވެގެން ދިޔަ ކަމެކެވެ.

މަޖިލީހުގެ ކޮމިޓީއެއްގައި ޖާބިރު. މަޖިލިހަށް އެންމެ ގިނަ މައްސަލަ ހުށަހެޅުއްވި ޖާބިރު ވިދާޅުވި ގޮތުގައި އޭނާގެ މަސައްކަތުން އާންމުން ވަނީ ހޭލުންތެރިވެފައި.-- ފޮޓޯ: މިހާރު

މިވަގުތު ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނެވި ޖާބިރު ވިދާޅުވީ 19 ވަނަ މަޖިލިހުގެ ދެ ވަނަ ދައުރުގައި ކުރަން ހުރި މަސައްކަތްތައް ބައިވަރު ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވީ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ކުރުމަށް ކުރަން ޖެހޭ މަސައްކަތް މަޖިލިހުގެ ތެރެއިން ކުރައްވާނެ ކަމަށެވެ.

"ރައްޔިތުންނާ ގުޅުން ހުރި އިތުރު ކަންކަން ކުރަން އެބަހުރި. އެ ކަންކަން ފެންނާނެ، ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ހުއްޓުމެއް ނާންނާނެ،" ޖާބިރު ވިދާޅުވި އެވެ.

މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އެހެން މެމްބަރުންނާ އޭނާއާ ވަރަށް ބޮޑަށް ތަފާތެވެ. ޖަލްސާތަކާއި ކޮމިޓީތަކުގައި އޭނާ އަބަދުވެސް ހުންނަވަނީ ކޯޓު ތުރުކުރައްވައިގެންނެވެ. އެއީ އާންމުންގެ ސަމާލުކަން ހޯދި ކަމެކެވެ.

ޖާބިރު މަޖިލިހުގައި ކުރައްވާ މަސައްކަތަށް އެންމެ ބޮޑު ތައުރީފެއް ކުރައްވާ އެއް ބޭފުޅަކީ، އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދެވެ. ދިޔާނާ މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިހަށް ކަންކަން ހުށަހެޅުއްވުމުގައި ޖާބިރު "ފަތިސް ގަޑީގައި" ވެސް މަސައްކަތް ކުރައްވާ ކަމަށެވެ.

މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލިހުގެ 47 ޖަލްސާއެއް ބޭއްވި އިރު، 161 މައްސަލައެއް މަޖިލިހަށް ވެއްދި އިރު، ނިމިފައި ވަނީ 118 މައްސަލަ އެވެ. ނުނިމި އޮތީ 43 މައްސަލަ އެވެ.