އަހުސަން މަރު މަތީގައި އޮވެގެން ދެއްކި ވާހަކަ ބަލައިގަނެވޭނެ: ދައުލަތް

މީގެ އަހަރުތަކެއް ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަހުސަން ބަޝީރު، އޭނާއަށް ދައުވާ ލިބޭ މީހުން ހަމަލާދިން ކަމަށް ބުނެ، މަރު މަތީގައި ދެއްކި ވާހަކަތައް ބަލައިގަނެވޭނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.


މީގެ އަށް އަހަރު ކުރިން، 2011 ގައި މަޖީދީމަގާއި އަލިކިލެގެފާނު މަގާ ގުޅުނު ހިސާބުގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އިބްރާހިމް ޝަހުމް އާދަމް، ގ. ކޯޒީ އާއި ހަސަން ޝިމާޒް މުހައްމަދު ސުވާދު، މއ. ވީނަސްތަރިގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ހަމަލާގައި އޭނާ މަރުވުމުގެ ކުރިން، އޭނާއަށް ހަމަލާދިނީ ޝަހުމް ކަމަށް ދެ ތަނެއްގައި އަހުސަން ބުނި ކަމަށް ދަށު ކޯޓުގައި މީހުން ހެކިބަސް ދީފައި އެބަ އޮތް ކަމަށެވެ. އެގޮތުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިންނާއި ހޮސްޕިޓަލްގައި އޮވެގެން ވެސް އަހުސަން އެގޮތަށް ބުނެފައިވާ ކަން ހެކިންގެ ބަހުން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

ހައި ކޯޓުގައި ދައުލަތުން ބުނީ ޝަހުމާއި ޝިމާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ނިންމިއިރު އަހުސަން މަރު މަތީގައި އޮވެގެން ދެއްކި އެ ވާހަކަތައް ގަބޫލުނުކުރެވޭނެ ކަމަށް ކަނޑައަޅާފައި ނެތް ކަމަށެވެ.

މަރު މަތީގައި އޮވެގެން ދައްކާ ވާހަކަ (ޑައިން ޑިކްލަރޭޝަން) އަކީ މަރުވި މީހާ އެހެން މީހަކު ކައިރީގައި ބުނި ބުނުމެއްގެ މައްޗަށް ބިނާކޮށްދޭ ހެކިބަހެކެވެ. އެކަމަކު އެފަދަ ހެކިބަސް ގަބޫލުނުކުރެވޭނެ ކަމަށް އެއްވެސް ގާނޫނެއްގައި ނެތް ކަމަށް ދައުލަތުން ބުންޏެވެ.

މައްސަލައަކާ ގުޅިގެން ނުސީދާ ގޮތެއްގައި ދެވޭ ހެކިބަސް ވެސް ބަލައިގަނެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި އެބަ އޮތް ކަމަށް، ދައުލަތުން ފާހަގަކުރި އެވެ. އެހެންވެ މަރު މަތީގައި އޮވެގެން މީހަކު ބުނާ ބުނުމަކާ ގުޅިގެން އެހެން މީހަކު ދޭ ހެކިބަސް ވެސް ރާއްޖޭގައި ބަލައިގަނެވިދާނެ ކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

ބޭރު ގައުމުތަކުގެ ކޯޓުތަކުގެ ބައެއް ނިންމުންތަކާ ހަވާލާދީ ދައުލަތުން ބުނީ މަރުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތި އޮންނަ މީހަކު މަރު މަތީގައި އޮވެގެން ދައްކާ ވާހަކަތައް ޝަރީއަތަށް ގަބޫލު ކުރެވޭނެ ކަމަށެވެ. އަދި މަރު މަތީގައި އޮވެގެން ދައްކާ ވާހަކައަށް ބިނާކޮށް ދޭ ހެކިބަހުގެ މައްޗަށް އެކަނި ބިނާކޮށް ވެސް ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތު ކުރެވިދާނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމާފައި އެބަ އޮތް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ޕޮއިންޓް އިތުރަށް ވަރުގަދަކުރަން ހައި ކޯޓުގައި ބުނީ އަހުސަން މަރުވިއިރު އޭނާއަކީ އޭނާގެ ހެކިބަސް ގަބޫލުނުކުރެވޭނެ ފަދަ އަދުލުވެރިކަން ގެއްލިފައިވާ މީހެއް ނޫން ކަމަށެވެ. އެހެންވެ، އޭނާ މަރު މަތީގައި އޮވެގެން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނި ގޮތުގައި އަހުސަނަކީ އަދުލުވެރިކަން ގެއްލިފައިވާ މީހެއް ކަމަށް ބަހުސްގެ ބޭނުމަށް ބެލިޔަސް، އޭނާގެ ބަހަށް ބާރު ދޭ އިތުރު ހެކިތަކެއް ހުރެއްޖެ ނަމަ އޭނާގެ ބަސް ބަލައިގަނެވޭނެ އެވެ. އަދި މަރުގެ މައްސަލައެއްގައި އެގޮތަށް ހައި ކޯޓުން ކުރިން ނިންމާފައި އެ ބައޮތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނި ގޮތުގައި މީހަކު މަރު މަތީގައި އޮވެގެން ދައްކާ ވާހަކަތަކަށް ބިނާކޮށް ދޭ ހެކިބަސް ގަބޫލުކުރުމަކީ ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތްތަކަށް ގެއްލިގެންދާނެ ކަމެއް ނޫނެވެ. އަދި އެގޮތަށް އެމެރިކާގެ ސުޕްރީމް ކޯޓުން މައްސަލަތައް ނިންމާފައި އެބަހުރި ކަމަށް ދައުލަތުން ފާހަގަކުރި އެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ޝަހުމާއި ޝިމާޒް ތަހުގީގު މަރުހަލާގައި ހަނުހުރެފައިވޭތޯ އާއި އެކަމުގެ ނަތީޖާއަކީ ކޮބައިތޯ ވިދާޅުވެ، ދިފާއީ ވަކީލުންނާ ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި އެ މީހުންގެ ވަކީލުން ވިދާޅުވީ އެ ދެ މީހުން ހަނު ހުރެފައިވަނީ ލިބިފައިވާ ހައްގެއް ކަމަށް ވާތީ ކަމަށެވެ. އެހެންކަމުން ހަނުހުރެގެން އެކަމުގެ މައްޗަށް ބިނާކޮށް އިތުރު މާނައެއް ނުނެގޭނެ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.

ދިފާއީ ވަކީލުން ވިދާޅުވީ ހަނު ހުންނަ މީހަކާ ދެކޮޅަށް އިތުރު ހެކި ލިބޭ ހާލަތުގައި، އޭނާ ހަނު ހުންނަ ހުރުމަކީ އޭގެ ޒާތުގައި އޭނާއާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ބައެއް ގައުމުތަކުގައި އޮތަސް ހަނު ހުރުމުގެ މައްޗަށް އެކަނި ބިނާކޮށް އެއީ އެ މީހަކާ ދެކޮޅަށް ބޭނުންކުރެވޭނެ ހެއްކެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

ދައުލަތުން ދެއްކި ވާހަކަތަކާ ގުޅިގެން ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރުންގެ ބެންޗުން ވަނީ ދިފާއީ ވަކީލުންނަށް ދެއްވައިފަ އެވެ.

އަހުސަންގެ ވާރިސުންގެ ބަސް ދަށު ކޯޓުން ނަގާފައިވޭތޯ އާއި ވާރިސުންގެ މައުލޫމާތު ލިބިފައިވޭތޯ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލުކުރި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އަހުސަންގެ ވާރިސުންގެ ބަސް ދަށު ކޯޓުން ހޯދާފައި ނުވާ ކަމަށެވެ. އަދި އެ މީހުންގެ މައުލޫމާތު މިވަގުތު ދައުލަތަށް ލިބިފައި ނެތް ކަމަށް ވެސް ބުންޏެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ވާރިސުންގެ ބަސް އެ މައްސަލާގައި ހައި ކޯޓުން ހޯދަން ޖެހޭ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އަހުސަންގެ ބައްޕަ ނިޔާވެފައިވާ ކަމަށް އެނގިފައިވާ ކަމަށް ފަނޑިޔާރުން ވިދާޅުވެ، ދައުލަތަށް އެންގެވީ އަހުސަންގެ ދެން ތިބި ވާރިސުންގެ މައުލޫމާތު ހައި ކޯޓަށް ހުށަހަޅާށެވެ.

ދައުވާ ލިބޭ ޝިމާޒް ހައި ކޯޓުގައި ބުނީ އޭނާ މިހާރު އުޅެނީ އައްޑޫގައި ކަމަށް ވާތީ ކޮންމެ އަޑުއެހުމަކަށް މާލެ އައިސް ތަނެއް ކުއްޔަށް ހިފަން ޖެހޭ ކަމަށެވެ. އެހެންކަމުން މައްސަލަ ނުނިމި ލަސްވަމުންދާތީ ވަރަށް ދަތިވާ ކަމަށް އޭނާ ބުންޏެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. ނަމަވެސް މާލެ އައިސް ހުންނާނެ ތަނެއް ހަމަޖައްސައި ދިނުމުގެ އިންތިޒާމް ކޯޓަށް ހަމަޖެއްސެން ނޯންނާނެ ކަމަށް އެންގެވި އެވެ. އަދި ހުންނާނެ ތަނެއް ހޯދަން ޖެހުމުން ދަތިވާ ނަމަ، ކޯޓަށް ކުރެވޭނެ ކަމަކީ ފުލުހުންނަށް އަމުރު ކޮށްގެން ޝިމާޒް ބަންދުގައި ބެހެއްޓުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ނިޔާޒެވެ.

އަހުސަންގެ މަރުގެ ދައުވާ ލިބޭ ޝަހުމް މިހާރު ވެސް ގެންދަނީ މާލޭގައި ހިންގި މަރުގެ އެހެން މައްސަލައަކާ ގުޅިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.