މޫސުމާ ބެހޭ ހަޅުތާލު ރާއްޖޭގައި ވެސް!

އަންނަ ހުކުރު ދުވަހު ދުނިޔޭގެ އެކި ސަރަހައްދުތަކުން ސްކޫލް ދަރިވަރުންނާއި މަސައްކަތްތެރިން، ތިމާވެށީގެ ހިމާޔަތުގައި ނުކުންނާނެ އެވެ. މޫސުމާ ބެހޭ ބައިނަލްއަގުވާމީ ހަޅުތާލުގައި އޮންނާނީ މޫސުމަށް އަންނަ ބަދަލާ ދެކޮޅަށް އަޑުއުފުލުމެވެ. މި ހަޅުތާލު ކުރަނީ ނިއު ޔޯކުގައި ބާއްވާ އދ.ގެ މޫސުމާ ބެހޭ ސަމިޓާ ދިމާކޮށެވެ. ހަފްތާއަކަށް ކުރިއަށް ގެންދާ ހަޅުތާލުގައި މުޅި ދުނިޔޭން 1.5 މިލިއަން މީހުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި މި ނާޒުކު ރާއްޖޭގެ ރައްޔިތުންގެ ވެސް ހިމެނެ އެވެ. މިއީ މިފަދަ ބޮޑު ހަރަކާތެއްގައި ރާއްޖެ އިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.


މިއީ ކޮން ހަޅުތާލެއް؟

"ގްލޯބަލް ކްލައިމެޓް ސްޓްރައިކް" އަންނަ ހުކުރު ދުވަހު ފަށާއިރު އެ ހަޅުތާލުގައި 120 ގައުމެއްގެ މީހުން ބައިވެރިވެ އެވެ. އޮސްޓްރޭލިއާގެ 100 ސަރަހައްދެއްގައި މި ހަޅުތާލު ކުރިއަށް ގެންދެ އެވެ. އޭގެ ތެރޭގައި ބޮޑެތި ސިޓީތަކާއި ރަށްފުށުގެ ހިސާބުތައް ވެސް ހިމެނެ އެވެ. އެންމެ ގިނަ މީހުން ބައިވެރިވާނީ މެލްބަންގައި އޮންނަ ހަޅުތާލުގައި ކަމަށް ބެލެވެ އެވެ.

މި ހަޅުތާލު ބާއްވަނީ ސްކޫލް ދަރިވަރުން އިސްނަގައިގެންނެވެ. އެ ދަރިވަރުންގެ ކަންބޮޑުވުމަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިއުމެވެ. އަހަރުން އަހަރަށް ދުނިޔޭގެ ހޫނުމިން މައްޗަށް ދަނީ އެވެ. ދުނިޔޭގެ އުތުރާއި ދެކުނު ބިތުގައި ހުރި ގަނޑުފެންތައް ބާރު ސްޕީޑެއްގައި ވިރި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ބިރެވެ.

ތިމާވެށީގެ ހިމާޔަތުގައި ބޭއްވި، "ގްލޯބަލް ކްލައިމެޓް ސްޓްރައިކް" ގެ ތެރެއިން: މިފަހަރު ރާއްޖޭގައި ވެސް އެ ހަޅުތާލު ކުރަން ވަނީ ނިންމާފައި-- ފޮޓޯ: އޭއެފްޕީ

ހަޅުތާލުކުރަނީ، ދުނިޔޭގެ މިހާރުގެ ހާލަތާ ދެކޮޅަށެވެ. ދުނިޔޭގެ ތިމާވެށީގެ ހާލަތު މިހާ ހިސާބަށް ދިޔައީ އެކަށީގެންވާ ފިޔަވަޅު ނޭޅުމުންނާއި ސިޔާސަތުތައް ހަދާ އިރު އެކަމާ ދޭތެރޭ ސީރިއަަސްކޮށް ނުވިސްނުމުންނެވެ.

ހަޅުތާލަށް ދުނިޔޭގެ މީޑިއާގެ ސަމާލުކަން ވެސް ވަރަށް ބޮޑެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި މޫސުމާ ބެހޭ ހަބަރުތައް ގިނަވާނެ އެވެ.

މިފަހަރު ރާއްޖޭގައި ވެސް!

ތިމާވެށީގެ އެކި ކަންކަމަށް ހޭލުންތެރިކުރަން ރާއްޖޭގައި އަބަދުވެސް ހަރަކާތްތައް ކުރިއަށް ގެންދެ އެވެ. "އާތު އަވާ" ފަދަ އިވެންޓުތައް ބާއްވަ އެވެ. ނަމަވެސް މިއީ މިފަދަ ހަޅުތާލެއް ރާއްޖޭގައި ރާވާ ފުރަތަމަ ފަހަރެވެ. އެ ހަރަކާތް ރޭވުމަށް އެކިއެކި ބައްދަލުވުންތައް އަންނަނީ ބާއްވަމުންނެވެ. މާލޭގެ މަގުތަކުގައި ބެނާ ހިފައިގެން ދަނީ އެކި އެއްވުންތައް ބާއްވަމުންނެވެ. މިހާތަނަށް ގިނަ ބަޔަކު ވަނީ އެ ހަރަކާތާ ގުޅިފަ އެވެ.

ސޭވް މޯލްޑިވްސްގެ ވޮލަންޓިއަރު ހުމޭޒާ އަބްދުލް ގަފޫރު (ހުމޭ) ވިދާޅުވީ ހަޅުތާލަށް ނުކުންނަން ނިންމީ ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ސަރުކާރުން ދައްކާ ވާހަކަ އާއި އަމަލުތައް ދިމާނުވާތީ ކަމަށެވެ.

"އެކި ބައްދަލުވުންތަކުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ތިމާވެށި ނާޒުކު ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބޭ ކަމަށް ވިދާޅުވެ އަމަލު ކުރައްވަނީ އެއާ އިދިކޮޅަށް. ފަޅުތައް ހިއްކާ އިޔާދަ ނުކުރެވޭވަރުގެ ގެއްލުންތައް އެދެނީ،" ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅުއްވާ ހުމޭ ވިދާޅުވި އެވެ.

މޫސުމާ ބެހޭ ހަޅުތާލް ޕްރޮމޯޓް ކުރުމަށް މަގުމަތީ ބެނާ ހިފަހައްޓައިގެން: މިއީ މިފަދަ ހަޅުތާލަކަށް ރާއްޖޭގައި ނުކުންނަ ފުރަތަމަ ފަހަރު-- ފޮޓޯ: ސޭވް މޯލްޑިވްސް

ރާއްޖޭގައި ޕްލާސްޓިކް ބޭނުން ކުރުމުގައި ވެސް ހަމައެއް ލަމައެއް ނެތްއިރު ތަރައްގީގެ މަޝްރޫތައް ހިންގުމުގައި ތިމާވެއްޓަށް މާ ބޮޑު ބެލުމެއް ނެތެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ވެސް ރަނގަޅަށް މަސައްކަތް ނުކުރުމަކީ އެ މީހުންގެ ކަންބޮޑުވުމެކެވެ. އަދި ތިމާވެށީގެ ކަންކަމަށް ކިޔަވާ ކުދިންނާއި އާންމުން ހޭލުންތެރިކުރެވިފައިވާ މިންވަރު ދަށްވުމަކީ ވެސް އެ ފަރާތްތަކުގެ ކަންބޮޑުވުމެކެވެ.

"ސަރުކާރަށް ކަންކަން އެނގި އެއްވެސް ކަމެއް ނުކުރޭ. އެހެންވެ މިފަހަރު ބޭނުމީ ސަރުކާރަށް އަޑުއިއްވަން،" ހަޅުތާލު ކުރާ ސަބަބު ހާމަކުރަމުން ހުމޭ ވިދާޅުވި އެވެ.

ހަޅުތާލަށް ގިނަ ކަންތައްތަކެއް އަންނަނީ ރާވަމުންނެވެ. ގައުމީ ފެންވަރެއްގައި މުޅި ރާއްޖޭގައި ކަންކަން ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރޭގައި މަސައްކަތް ހުއްޓާލުން ވެސް ހިމެނެ އެވެ. މި ހަފްތާގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހު އިތުރު ކަންކަން ނިންމުމަށް ވަނީ ނިންމާފަ އެވެ.

"ބެލެނިވެރިން ކުދިން ސްކޫލަށް ވެސް ނުފޮނުވަން ބޭނުންވަނީ. ސިވިލް ސާވެންޓުން މަސައްކަތް ވެސް ހުއްޓާލަން. ބޭނުންވަނީ ސަރުކާރަށް އަޑުއިއްވަން،" ހުމޭ ވިދާޅުވި އެވެ.

އެ ހަޅުތާލު ރޭވުމުގައި ބައިވެރިވާ މީހުން ދުވަހުން ދުވަހަށް އިތުރުވާތީ އެ ހަރަކާތް ބޮޑަށް ފުޅާވާނެ ކަމަށް ސޭވް މޯލްޑިވްސްއިން ގަބޫލުކުރެ އެވެ.