ބިދޭސީންގެ މައްސަލަ ހައްލުކުރަން މަތީ ފެންވަރުގެ ޓާސްކް ފޯހެއް އުފައްދަނީ

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރަން އެކުލަވާލި ސިޔާސަތަށް އަމަލު ކުރަން ނިންމައި، އެކަމަށްޓަކައި ޚާއްސަ ޓާސްކް ފޯހެއް އުފައްދަން ސަރުކާރުން މިއަދު ނިންމައިފި އެވެ.


ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ލަފައާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެގޮތަށް ނިންމެވީ ބިދޭސީންގެ މައްސަލައާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އާ ސިޔާސަތުގައި ބިދޭސީން ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަރުދަނާ ކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިހާރު ގާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވައްދަން ޕްރޮގްރާމެއް ހިންގުމާއި ގާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާ މެދު މަޝްވަރާކޮށް، ފިޔަވަޅު އަޅަން އުފައްދަނީ "ނޭޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވޯކާސް" ގެ ނަމުގަ އެވެ. މި ޓާސްކްފޯސްގައި ސަރުކާރުގެ މަތީ ފެންވަރުގެ ވެރިން ހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ބިދޭސީން ގެންނަން ކޯޓާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް އަލުން އެކުލަވާލުމާއި މިހާރު ގާނޫނީ އޮނިގަނޑު ފަރުމާކޮށްފައިވާ ގޮތުން ނުކުންނަ ނުރަނގަޅު ނަތީޖާތައް ނައްތާލަން ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމަކީ ވެސް އެ ސިޔާސަތުގެ ބައެކެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރަން ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލަން ސަރުކާރުން ނިންމިއިރު، ރާއްޖޭގައި މަނީ ލޯންޑާ ކުރުމާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރެކްރޫޓްކުރާ ދެ ބިދޭސީއަކު އިމިގްރޭޝަނުން މިދިޔަ ހަފުތާގައި ވަނީ ރާއްޖެ އިން ޑީޕޯޓްކޮށްފަ އެވެ.