ޓެބްލެޓް ބޭނުމެއް ނުކުރެވޭ! ބޮޑު އިސްރާފެއް!

ކުރީ ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ގެނައި ޓެބްލެޓްތައް ބޭނުން ނުކުރެވި ބޮޑު އިސްރާފަކަށް ވެފައިވާ ކަމަށް ބައެއް ސްކޫލުތަކުން ބުނެފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 154 މިލިއަން ރުފިޔާއިން ފެށި ޑިޖިޓައިޒްކުރުމުގެ މަޝްރޫއަށް 70،000 އަށް ވުރެ ގިނަ ޓެބްލެޓް ގަތެވެ. ނަމަވެސް އޭގެ ތެރެއިން ދަރިވަރުންނާއި ޓީޗަރުންނަށް ބަހާފައިވަނީ ކިހާ ޓެބްލެޓެއް ކަމެއް ސާފެއް ނުވެ އެވެ.

އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިރާގުން އިންޓަނެޓު ވެސް ގުޅި އެވެ. އަދި މެކްސްކޮމްއާ ހަވާލުކޮށްގެން ގެނައި ޓެބްލެޓުތައް ބޭނުންކުރުމާ ގުޅޭ ގޮތުން ޓީޗަރުންނާއި ބެލެނިވެރިން އަހުލުވެރި ވެސް ކުރުވި އެވެ.

އެކަމަކު ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބެއް އަންނާނެ ކަމުގެ ޔަގީންކަމާ އެކު ފެށި މަސައްކަތުގެ ފޮނި މީރުކަން ނުލިބޭ ކަމަށް ސްކޫލުތަކުންނާއި ބެލެނިވެރިން ދަނީ ބުނަމުންނެވެ.

ޓެބްލެޓް ބޭނުންކުރަން ފެށުމުގެ ކުރިން އެކަމާ ގުޅޭ އުސޫލެއް މިނިސްޓްރީން މިދިޔަ އަހަރު ހެދި އެވެ. ނަމަވެސް އެކަން ރަނގަޅަށް ތަންފީޒުނުކުރެވި ގިނަ ޓެބްލެޓުތައް އޮތީ ދަރިވަރުންގެ ގޭގަ އެވެ. އެކަމަކު ބައެއް މާއްދާތައް ކިޔަވައިދޭން ދޭތެރެއަކުން ޓެބްލެޓް ބޭނުންކުރާ ކަމަށް ބައެއް ސްކޫލުތަކުން ބުނެ އެވެ. އެހެންވެ ޓެބްލެޓުތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ އިހުތިޔާރު މިހާރު އޮތީ ކިޔަވައިދޭ ޓީޗަރުންގެ އަތުގަ އެވެ.

ސްކޫލަކުން ވާހަކަދެއްކެވި އިސް އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ އެޑިއުކޭޝަނުން ހަވާލުކުރި ޓެބްލެޓުތަކުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އިންޓަނެޓު ލިބުމުގައި ވެސް ދިމާވާ މައްސަލަތަކުން ދެ ދުވަހުން އެއް ދުވަހު އެ ބޭނުން ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

ޖަމާލުއްދީން ސްކޫލުގެ ދަރިވަރަކު ޓެބްލެޓް ބޭނުންކޮށްގެން ކިޔަވަނީ: ގިނަ ދަރިވަރުންނަށް ޓެބްލެޓް އަދި ނުވެސް ލިބޭ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިހާ ބޮޑު ހަަރަދެއް ކޮށްގެން ޓެބްލެޓްތައް ގެނެސް ހަރުދަނާ އުސޫލެއްގެ ތެރެއިން އެކަން ކުރެވެން ޖެހޭނީ. ނަމަވެސް އެ މަންޒަރެއް ނޫން މި ފެންނަނީ. ބޮޑު އިސްރާފެއް ގޮތަށް ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

ގްރޭޑު ތިނެއްގައި ކިޔަވަމުން އަންނަ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ، މި އަހަރުގެ ދެ ވަނަ ޓާމު ފެށުމުގެ ކުރިން ޓެބްލެޓް ހަވާލުކުރާނެ ކަމަށް ސްކޫލުން ބުނި ކަމަށެވެ. ނަމަވެސް އަހަރު ނިމިގެން ދާއިރު ވެސް އެކަމާ ގުޅޭ މައުލޫމާތެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.

ގްރޭޑު އަށެއްގައި ކިޔަވަމުން އަންނަ އޭނާގެ އެހެން ދަރިޔަކަށް ޓެބްލެޓް ދިނަސް އެއްވެސް ގޮތަކަށް އެ ބޭނުމެއްނުކުރެ އެވެ.

"ނޭނގެ ކީއްކުރަން ދީފައި އޮންނަ އެއްޗެއް ކަމެއް އެއީ. އެއްވެސް ގޮތަކަށް ބޭނުމެއް ނުކޮށް ގޭގައި ބާއްވާފައި އޮންނަނީ،" ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިއަކު ބުންޏެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ޓެބްލެޓުތައް ބޭނުންކުރުމާ ގުޅޭ ގޮތުން މިނިސްޓްރީން ސްކޫލުތަކަށް ވަކި ގޮތަކަށް އަންގާފައިނުވާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވެފައިވާ ގޮތުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އަށް ތައުލީމީ މަންހަޖުން އިސްކަންދޭނެ އެވެ.

އެކަމަށް ބޭނުންވާ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އާތިޔާ ވިދާޅުވި ގޮތުގައި ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މާސްޓަ ޕްލޭން ހެދުމަށް ފަހު ޓެބްލެޓް ބޭނުންކުރަން ހަރުދަނާ ގޮތްތަކެއް ކަނޑައަޅާނެ އެވެ. ބޭނުމަކީ ކިޔަވައިދިނުމާއި ދަސްކޮށްދިނުމުގެ ތެރެއިން އެ ބޭނުންކުރުން ކަމަށް ވިދާޅުވި އެވެ.