ނާމަލްގެ ކައިވެނި ޕާޓީގައި ރާއްޖޭގެ ސިޔާސީ ކުލަ ވެސް!

ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދޮށީ ދަރިކަލުން ނާމަލް ރާޖަޕަކްސަގެ ކައިވެނި ޕާޓީގައި ރާއްޖޭގެ ސިޔާސީ ގިނަ ބޭފުޅުންތަކެއް ރޭ ބައިވެރިވެވަޑައިގެންފި އެވެ.


ލަންކާގެ ވިޔަފާރިވެރިއެއްގެ ދަރިކަނބަލުން ލިމިނީ ވީރްސިންހާއާ ނާމަލް ކައިވެނި ބައްލަވައިގަތީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެކަމަކު ކައިވެނި ޕާޓީ އޮތީ ރޭ މައުންޓް ލެވީނިއާ ހޮޓަލުގަ އެވެ.

މި ހަފުލާގެ ފޮޓޯތައް ޓުވިޓާގައި ވައިރަލްވި އިރު ގިނަ ބަޔަކަށް އަޅައިގަތީ އެތަނުގައި ތިއްބެވި ރާއްޖޭގެ ސިޔާސީ ބޭފުޅުންނެވެ. އޭގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ޗަމްޕާ މުހައްމަދު މުސާ (އުއްޗު) ވެސް މި ހަފުލާގައި ބައިވެރިވެވަޑައިގަތެވެ.

މިހާރުގެ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވެސް ޕާޓީގައި ހުންނެވި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދަގަނތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ލަންކާގައި ދިރިއުޅުއްވާ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގަތެވެ.

ނާމަލްގެ ކައިވެނީގެ ހަފުލާގައި އޭނާގެ ބޮޑުބޭބޭފުޅު ގޯޓާބޭއާ އެކު ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.

އެނގިފައިވާ ގޮތުގައި އެ ހަފުލާ އަށް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ވެސް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކަކަށް ވެސް ދައުވަތު ދެއްވި އެވެ.

ގިނަ ބަޔަކަށް ދައުވަތު ފޮނުވައި އެ ހަފުލާ އަށް ވަޑައިގަންނަވާ ކަން ވެސް ނާމަލް ކަށަވަރު ކުރެއްވި ކަމަށް ވެ އެވެ. އެކަމުން ދައްކުވައި ދެނީ، ހަފުލާ އަށް ވަޑައިގަތް އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި، ރާއްޖެއާ މެދު ރާޖަޕަކްސަގެ އާއިލާ އިން ބަހައްޓަވާ ގާތް ކަމެވެ.

ރާއްޖޭގެ ސިޔާސީ ބޭފުޅުންނާ، ނާމަލްއާ ގާތް ގުޅުމެއް އުފެދުނީ ކުރީގެ ސަރުކާރުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވެ ސިޔާސީ ގިނަ ބޭފުޅުންތަކެއް އަމިއްލަ އަށް އަރުވާލެއްވިގެން ލަންކާގައި މަސައްކަތް ކުރެއްވުމުގެ ތެރޭގަ އެވެ.

ނާމަލްގެ ކައިވެނީގެ ހަފުލާގައި ދުންޔާ އާއި ފިރިކަލުން ބައިވެރިވެވަޑައިގަންނަވަނީ.

ވެރިކަން ބަދަލުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ނާމަލް ވަޑައިގަތެވެ. އޭގެ ފަހުން މިދިޔަ ޖުލައި މަހު ވެސް ރާއްޖެ ވަޑައިގަތެވެ. އެ ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވި އެވެ.

ނާމަލްގެ ކައިވެނީގެ ހަފުލާގައި ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއާ މަހްލޫފް ސަލާމްކުރައްވަނީ.

ރާއްޖޭގެ ސިޔާސީ ބޭފުޅުން ނާމަލްގެ ކައިވެނީގެ ހަފުލާ އަށް ވަޑައިގަތީ އަމިއްލަ ޚަރަދުގަ އެވެ. މި ދަތުރުގެ ތެރެއިން ޔޫތު މިނިސްޓަރު މަހްލޫފަށް އެހެން އުފަލެއް ވެސް ލިބިވަޑައިގަތެވެ. އެއީ، ބޮލީވުޑްގެ ބަތޮލް، ސަލްމާން ޚާންގެ ބޭބެ، އަރްބާޒް ޚާނާ ބައްދަލު ކުރެއްވުމުގެ ފުރުސަތެވެ. މިނިސްޓަރު ވަނީ، ޖިމްގައި އަރްބާޒާ އެކު ނެންގެވި ފޮޓޯއެއް އިންސްޓަގްރާމްގައި އާއްމު ކުރައްވައިފަ އެވެ.