މީރާގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ގާނޫނަށް ގެނައި ބަދަލާ އެކު އަލުން އެކުލަވާލާ މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.


އެ އޮފީހުން ކުރި އިއުލާނެއްގައި ބުނީ މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެކަމަށް ބޭނުންވާ ފޯމް ރައީސް އޮފީހުންގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެ އެވެ.

ޓެކްސް ނެގުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ވެސް ގެއްލެ އެވެ.

އެ ގާނޫނު ކުރިން އޮތް ގޮތުން މީރާގެ ބޯޑުގައި ތިއްބަވާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެކެވެ.

ނަމަވެސް މިހާރު ގެނައި ބަދަލާ އެކު މީރާގެ ބޯޑުގައި ތިއްބަވާނީ ފިނޭންސް މިނިސްޓްރީގައި ޓެކުހާ ގުޅޭ ކަންކަން ބަލަހައްޓަން ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ބޭފުޅަކާއި ރައީސް އައްޔަންކުރައްވާ ފަސް މެމްބަރަކު ވެސް ތިއްބަވަ އެވެ.

އާ ބިލް ތަސްދީގުކުރައްވާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަލުން ބޭފުޅުން އައްޔަން ކުރަން ޖެހޭނެ އެވެ.