އަލިފާނުގެ ހާދިސާގައި މަރުވި ޝައުނާގެ ޖަނާޒާ ބާއްވައިފި

މާލޭގެ ގުދަންތަކެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި ރޭ މަރުވި ތ. ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާގެ ޖަނާޒާ މިއަދު ބާއްވައިފި އެވެ.


ހ. ރަދުވާނިއާގޭގައި ދިރިއުޅުނު ޝައުނާ، 46، މަރުވީ އަލިފާން ރޯވެ އެ ގޭގެ ދޮރު ތާށިވެ ނުނިކުމެވިގެން ކަމަށް ވެ އެވެ. އެހީ އަށް އެދި އާއިލާގެ މެމްބަރަކަށް ގުޅި އެވެ. އެކަމަކު ފަޔަ އެންޑް ރެސްކިއު ޓީމަށް ފެނުނުއިރު އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް އަނދައިފަ އެވެ.

އޭނާގެ ކަށުނަމާދު އޮތީ، މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

ކުރިން ކައިވެންޏެއްކޮށް ޝައުނާގެ ދެ ފިރިހެން ކުދިން ތިބެ އެވެ. އެ ދެ ކުދިން ދިރިއުޅެނީ ބައްޕައާ އެކުގައި ކަަމަށް ވެ އެވެ. މަންމަ އާއި ބައްޕަ ވެސް މަރުވެފައިވާ ޝައުނާގެ އެއްބަނޑު އެއްބަފާ ހުންނަނީ އެންމެ ފިރިހެނެކެވެ.

އިސްލާމިކް ޔުނިވާސިޓީން ގުރުއާނުން ޑިގްރީ ހަދާފައިވާ ޝައުނާ އަކީ ގުރުއާން ޓީޗަރެކެވެ. ދަރުމަވަންތަ ސްކޫލުގައި ޓީޗަރަކަށް ވެސް އުޅުނު ޝައުނާ ގެންދިޔައީ ކުޑަކުދިންނަށް ގުރުއާން އިލްމު އުގަންނައި ދެމުންނެވެ.

ޝައުނާގެ ފޭސްބުކްގައި ބައެއް މީހުން ލިއެފައިވާ ގޮތުގައި އޭނާ އަކީ ހިތްހެޔޮ، ރަނގަޅު އެކުވެރި އެކެވެ. އާއިލާ އާއި ރަހުމަތްތެރިންނަށް އަޅާލައި ކަންކަން ގާތުން ބަލަ އެވެ.