އަލިފާނުގެ ހާދިސާގައި މީހުން ހުސްކުރި ގެޔަކުން ބޮޑު ވައްކަމެއް

ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެތާ ކައިރި ހުރި ގޭގެއިން މީހުން ހުސްކޮށްފައިވަނިކޮށް ގެޔަށް ވަގުން ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސަރަހައްދުގެ ގެއެއްގެ ހަތް ވަނަ ބުރިން 700 ޑޮލަރު (10،794ރ.) އާއި އެޕަލް ގަޑިއެއްގެ އިތުރުން އެއާޕޮޑެއް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ ގޭގެ އަށް ވަނަ ފަންގިފިލާއިން 37،200ރ. ވަގަށް ނަގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވައްކަން ތަހުގީގު ކުރަމުން އަންނާތީ، އެއީ ކޮން ގެއަކުން ކޮށްފައިވާ ވައްކަމެއް ކަމެއް ފުލުހުން ނުބުނެ އެވެ. މިހާތަނަށް އެތަކެތި ހޯދިފައި ނުވާއިރު މީހަކު ހައްޔަރު ކޮށްފައެއް ވެސް ނުވެ އެވެ.

އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނަކާއި ހަތް ގެއެއްގައި ވަނީ ރޯވެފަ އެވެ. އަލިފާންގަނޑު ފެތުރެމުން ދިޔައިރު އެތާ ކައިރި ގެތަކުން މީހުން ހުސްކޮށް އެ ސަރަހައްދުން ކަރަންޓްވެސް ކަނޑާލި އެވެ.

އަލިފާން ރޯވި ވަގުތު ވައްކަން ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު އެވަގުތު މީހުންނަށް އެހީވުމަށްވެސް ގިނަ އަދަދެއްގެ އާންމުން ރޭ މަސައްކަތް ކުރި އެވެ.