ޝާހިދުގެ ދަތުރަކީ އިތުބާރު އުފައްދަން ލިބުނު ފުރުސަތެއް: ޗައިނާ

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އިތުބާރު އުފައްދަން ލިބުނު ފުރުސަތެއް ކަމަށް ޗައިނާ އިން ބުނެފި އެވެ.


ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ގެން ޝުއާން މިދިޔަ ހުކުރު ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ "ރާއްޖޭގެ އާ ސަރުކާރުގެ ފޮރިން މިނިސްޓަރު" ޗައިނާ އަށް ކުރެއްވި ދަތުރަކީ ރާއްޖެ އާއި އެ ގައުމާ ދެމެދު އޮތް ގުޅުން އިތުރަށް ކުރިއަރުވަން އެޅުނު ފާހަގަކޮށްލެވޭ ފަދަ ފިޔަވަޅެއް ކަމަށެވެ.

"ދިވެހިރާއްޖެ އަކީ ޗައިނާގެ އެކުވެރި އަވަށްޓެރިއެއް. އަދި ތަރައްގީގެ މުހިއްމު ބައިވެރިއެއް. އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމްކުރާ ގޮތުގައި އަދި އެއް ގައުމުން ދައްކާ ވާހަކަ އަނެއް ގައުމުން ބަަލައިގަންނަ އަދި އެއް ގައުމުގެ މަސްލަހަތު އޮންނަ ކަންކަމުގައި އަނެއް ގައުމުން އެހީތެރިވާ ގޮތުގައި އޮތް ދެ ގައުމު،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވި މި ސަރުކާރުގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޝާހިދު ޗައިނާ އަށް ކުރެއްވި ދަތުރާ ގުޅޭ ގޮތުން ޝުއާން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އާދަޔާ ޚިލާފަށް ރަނގަޅު ވުމުން، މިހާރު ވެރިކަމުގައި ތިބި ފަރާތަތްކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރި އެވެ. ޗައިނާ އިން އޭރު ރާއްޖެ އަށް ދިން ލޯނު ތަކުގެ ސަބަބުން ރާއްޖެ އަށް ގެއްލުންވާނެ ކަމަށް ވެސް އޭރެ ވާހަކަ ދެއްކި އެވެ. ލޯނުގެ މައްސަލައިގައި ކިޔަމުން ދިޔަ ފާޑުކިއުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ހީނަރުވާނެ ކަމަށް ކުރިން ބެލެވުނެވެ.

މިނިސްޓަރު ޝާހިދު ޗައިނާ އަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރު ނިންމަވައިލެއްލީ އިއްޔެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ދަތުރު ނިންމަވައިލެއްވުމުގެ ކުރިން ޗައިނާގެ ސްޓޭޓް ކައުންސިލާ ވާންޔީއާ އެކު ޝާހިދު ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ޝާހިދުގެ ދަތުރުގައި ރާއްޖެ އާއި ޗައިނާ އިން ތިން އެއްބަސްވުމެއްގައި ސޮއިކުރި އެވެ.

އެމްއޯޔޫތަކުގައި ސޮއިކުރެއްވުމަށް ޗައިނާގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ އެ އެމްއޯޔޫތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.