އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނުކަމަށް ބުނެ އޮޅުވާލައިގެން ބިދޭސިން އެހީ ހޯދި: އެންޑީއެމްއޭ

މާލޭގައި ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ބޯހިޔާވަހިކަން ހޯދަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އެހީ ހޯދި ބައެއް ބިދޭސީންނަކީ އެ ހާދިސާގެ ގެއްލުން ލިބުނު ބައެއް ނޫންކަން އެނގުމުން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.


އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ސަރުކާރުން އުފެއްދި ޓާސްފޯހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅުމެއް ނެތްކަން އެނގިގެން އިމިގްރޭޝަނާ ހަވާލުކުރީ 59 ބިދޭސީން ކަމަށެވެ. އެ މީހުންނަކީ އަލިފާނުގެ ހާދިސާއާ ގުޅުމެއް ނެތް ބައެއްކަން އެނގުނީ ހިސާން ވިދާޅުވި ގޮތުގައި، އިމިގްރޭޝަނުން ދިން މައުލޫމާތުންނެވެ.

"އަޅުގަނޑުމެންނަށް އިމިގްރޭޝަނުން މިއަދު ލިބުނު މައުލޫމާތުގެ އަލީގައި، މި ބިދޭސީންނަކީ އެއްގޮތަކަށް ވެސް މި އަލިފާނާ ގުޅިގެން އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް އައި ބައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ އެމީހުންނަކީ އަލިފާނުގެ ހާދިސާއާ ގުޅުމެއް ނެތް ބައެއްކަން އެނގުނީ ޔޫތު މިނިސްޓްރީގެ އެހީތެރިކަމާ އެކު ޔޫތު އެކޮމަޑޭޝަންގައި ބައިތިއްބާފައި ތިއްބާ ކަމަށެވެ. އެ މީހުންނަކީ ހާދިސާއާ ގުޅުމެއް ނެތް ބައެއްކަން އެނގިގެން އިމިގްރޭޝަނުން އެމީހުން ބަލައި ދިޔަ އިރު ބައެއް މީހުން މަސައްކަތަށް ގޮސްފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ބައެއް ދިވެހިން ވެސް އޮޅުވައިލި

ހިސާން ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭގެ އެހީތެރިކަން ހޯދުމުގައި ބައެއް ދިވެހިން ވެސް ވަނީ އެ އޮތޯރިޓީ އަށް ދޮގު މައުލޫމާތު ދީފަ އެވެ. އެގޮތުން ހާދިސާގައި ގެއްލުން ނުލިބޭ ބައެއް މީހުންނާއި މާލޭގައި ނުވެސް އުޅޭ ކުދިންނާއި މީހުންގެ ނަމުގައި އެހީތެރިކަން ހޯދިކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ވަރަށް ހިތާމަޔާ އެކު ދަންނަވާލަން ބޭނުންވޭ މިހާރުވެސް އެގޭގޭގައި ދިރިނޫޅޭ، އައްޑު އަތޮޅު ރަށްރަށުގައި ވެސް ދިރިއުޅޭ މީހުންގެ ނަން ހިމަނައިގެން އަޅުގަނޑުމެންނާ ހަމަޔަށް ރަޖިސްޓްރޭޝަން ހައްދަން އެބަ އާދޭ،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ކަންތައް ކުރުމުން ބޯހިޔާވަހިކަން ދޭން ޖެހޭ މީހުންނަށް ވުރެ އިތުރަށް ޖާގަދޭން އެޕާޓްމަންޓް ހޯދަން ޖެހުނު ކަަމަށެވެ. ކެއިން ބުއިމުގެ އިންތިޒާމްތައް ހަމަޖައްސައިދޭން ދޫކުރާ ފައިސާ ވެސް އިތުރަށް ހޯދަން ބައެއް ފަރާތްތަކުން މާލޭގައި ނޫޅޭ ކުދިންގެ ނަން ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތ. އަތޮޅު ކޮންމެވެސް ރަށެއްގައި އުޅޭ ކުއްޖެއް ވެސް އެބަ އޮތް [ނޯޓް ކޮށްފައި] އަޅުގަނޑުމެން ވެރިފައި ކުރި އިރު،" ހިސާން ވިދާޅުވި އެވެ.

ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވުމުގެ ސަބަބުން ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހަތަރު ގުދަނާއި ހަގެ އެނދި އިރު އެކަކު މަރުވެ، 400 ވަރަކަށް މީހުން ހާލުގައި ޖެހުނެވެ. އެގޮތުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވަމުން އަންނަނީ އެމްޑީއެމްއޭ އާއި ރެޑްކްރެސެންޓުންނެވެ.