ޗައިނާ އިން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އިންވެސްޓް ކުރަން އެދެން: ޝާހިދު

ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ.


ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާ އަށް މިދިޔަ ހަފުތާގައި ކުރެއްވި ފުރަތަމަ ދަތުރުގައި އެ ގައުމުގެ ޒިންހުއާ ނިއުސް އަށް މިނިސްޓަރު ޝާހިދު ވިދާޅުވީ، ޗައިނާގެ އިންވެސްޓަރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އިންވެސްޓް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އޭރުން ޗައިނާގެ ޓޫރިސްޓުން ބޭނުންވާ އުފެއްދުންތައް ރާއްޖެ އިން ލިބޭނެ ކަމަށެވެ.

ޗައިނާ އަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އެންމެ ބޮޑު ހިއްސާ އޮންނަ ގައުމު ކަމަށް ވާއިރު، އެ ގައުމުގެ އިތުރު އެއާލައިންތައް ރާއްޖެ އަށް ދަތުރު ފެއްޓުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ޗައިނާގެ ގިނަ ސިޓީތަކާއި ރާއްޖެއާ ދެމެދު ދަތުރުތައް ބޭއްވުމަކީ އެދޭކަމެއް،" މިދިޔަ ހުކުރު ދުވަހު ދެއްވި އިންޓަވިއު ގައި މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާގެ ބައެއް އެއާލައިންތަކުގެ އިތުރުން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ވެސް އަންނަނީ ޗައިނާ އަށް ސީދާ ފްލައިޓުތައް ބާއްވަމުންނެވެ.

ޝާހިދުގެ ތައުރީފް ޗައިނާ އަށް

ތިމާވެށީގެ ކަންކަމުގައި ޗައިނާ އިން އަމަލު ކުރަމުން އަންނަ ސިޔާސުތަކަށް، މި އިންޓަވިއު ގައި ޝާހިދު ވަނީ ތައުރީފް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުން ދުނިޔެ ސަލާމަތް ކުރުމަށްޓަކައި އެ ގައުމުން ކުރަމުން އަންނަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކަމަށެވެ. އަދި އެފަދަ ކަންކަމަށް ޗައިނާ އަންނަނީ ބައިނަލްއަގްވާމީ ފެންވަރުގައި މިސާލު ދައްކަމުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދުގެ އިންޓަވިއު.

"ސޯލާ އެނާޖީ އަށް ބަދަލުކުރުމަށް ޗައިނާ އިން ކުރި މަސައްކަތް ވަރަށް ވެސް ތަފާތު. އަޅުގަނޑު ބެއިޖިން އަށް [ޗައިނާގެ ވެރިރަށް] މި އާދެވުނީ އަށް އަހަރު ފަހުން. މިއަދު ބެއިޖިން އިން ފެންނަނީ ސާފު ވަޔާއި ފެހިކަން ގަދަކަން. މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅުތަކެއް އަޅާފައިވާކަން،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅުގައި ވެސް ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

ރާއްޖެ އަކީ ބިންތިރި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑު އަސަރެއް ކުރާ ގައުމަކަށް ވާއިރު، އެ ފަދަ ކަންކަމުން އިންސާނުން ސަލާމަތް ކޮށްދިނުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ޝާހިދު ވަނީ ގޮވައިލެއްވި އެވެ.