ވެލާނާގޭ ދޮށުގައި ތިމާވެށީގެ ހަޅުތާލު ފަށައިފި

ތިމާވެއްޓަށް ދޭ ގެއްލުންތަކުން ދުނިޔެ ސަލާމަތް ކުރުމަށް ގޮވާލައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނަ "ގްލޯބަލް ކްލައިމެޓް ސްޓްރައިކް" ރާއްޖޭގައި މިއަދު ފަށައިފި އެވެ.


ސްކޫލާއި ކޮލެޖްތަކަށް ނުގޮސް ކުރާ އެ ހަޅުތާލު ކުރަން ޒުވާނުންނާއި ކުޑަކުދިންތަކެއް މިއަދު ހެނދުނު 7:45 ހާއިރު ވަނީ ސަރުކާރުގެ އޮފީސްތައް ހިންގާ ވެލާނާގޭ ދޮށަށް އެއްވެފަ އެވެ. ވެލާނާގެ އަށް ވަންނަ ދޮރު ކުރިމަތީ އެ މީހުން ތިބީ ތިމާވެށީގެ ހިމާޔަތަށް ގޮވާލާ ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ.

ސްކޫލަށް ނުގޮސް ކުރާ ހަޅުތާލުގައި ބައިވެރިވި ކުދިންތަކެއް ތިމާވެށި ހިމާޔަތް ކޮށްދިނުމަށް ގޮވާލާ ހަދާފައިވާ ބޯޑްތަކެއް ހިފައިގެން--- ފޮޓޯ: ސޭވް މޯލްޑިވްސް

އެ މީހުންގެ ޑިމާންޑަކީ ރާއްޖޭގެ ފަޅުތައް ހިއްކުން ހުއްޓުވުމާއި ޕްލާސްޓިކް އެތެރެ ކުރުން ހުއްޓުމަކަށް ގެނެސްދިނުމެވެ. އަދި ސްކޫލުތަކުގައި މިހާރަށް ވުރެ ރަނގަޅަށް ތިމާވެށީގެ މައްސަލަތައް ކިޔަވައިދިނުމަށް އަންނަނީ ގޮވާލަމުންނެވެ.

"އަހަރެމެން މިއަދު ސްކޫލަށް ނުގޮސް އައިސް މިތިބީ ކަލޭމެންނަށް ފިލާވަޅެއް ދޭން،" އެތަނުން ކުޑަ ކުއްޖަކު ހިފައިގެން ހުރި ބޯޑެއްގައި ލިޔެފައިވެ އެވެ.

ވެނާލާގެ ހިމެނެނީ ގްރީންޒޯންގައި ކަމަށްވާއިރު އެ ސަރަހައްދަށް އެއްވުމަކީ މަނާ ކަމެކެވެ. ނަމަވެސް އެ އެއްވުން ހުއްޓުވުމަށް ފުލުހުން މަސައްކަތެއް އަދި ނުކުރެ އެވެ.

މާލޭގެ އިތުރުން އައްޑު އާއި ކުޅުދުއްފުށީގައި ވެސް އަންނަނީ އެ ހަޅުތާލު ކުރަމުންނެވެ. އެ ރަށްރަށުގެ އެކި ސަރަހައްދުތަކަށް ޒުވާނުން އެއްވެ ތިމާވެށި ހިމާޔަތް ކޮށްދިނުމަށް ދަނީ އަޑުއުފުލަމުންނެވެ. މިއަދު ހަވީރު ފުވައްމުލަކުގައި ވެސް ހަޅުތާލު ކުރުމަށް ވަނީ ނިންމައިފަ އެވެ.

ސްކޫލަށް ނުގޮސް ކުރާ ހަޅުތާލުގައި ބައިވެރިވި ކުދިންތަކެއް ތިމާވެށި ހިމާޔަތް ކޮށްދިނުމަށް ގޮވާލާ ހަދާފައިވާ ބޯޑްތަކެއް ހިފައިގެން--- ފޮޓޯ: ސޭވް މޯލްޑިވްސް

މޫސުމާ ބެހޭ ބައިނަލްއަގުވާމީ ހަޅުތާލުގައި އޮންނާނީ މޫސުމަށް އަންނަ ބަދަލާ ދެކޮޅަށް އަޑުއުފުލުމެވެ. މި ހަޅުތާލު ކުރަނީ ނިއު ޔޯކުގައި ބާއްވާ އދ.ގެ މޫސުމާ ބެހޭ ސަމިޓާ ދިމާކޮށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ހަޅުތާލު ކުރާނީ މާދަމާ އެވެ. ރާއްޖޭގައި މިއަދު އެ ހަޅުތާލު ފެށީ މާދަމާއަކީ ބަންދު ދުވަހަކަށް ވާތީ އެވެ.

އެ ހަޅުތާލަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުން ފެށިގެން މާލޭގައި އެކި ހަރަކާތްތައް ދިޔައީ ބާއްވަމުންނެވެ. އެކި ސަރަހައްދުތަކަށް އެއްވެ އަޑުއުފުލި އެވެ. އެމްޑަބްލިޔުއެސްސީ ކައިރި އަށް އިއްޔެ އެއްވެ ޕްލާސްޓިކް ފުޅި އުފެއްދުން ހުއްޓާލުމަށް ވަނީ ގޮވާލައިފަ އެވެ.