ހަރުކަށި ފިކުރާ ދެކޮޅަށް ވާހަކަ ދައްކާތީ އަނީލް އަށް އިންޒާރު

ދީނީ ހަރުކަށި ވިސްނުމާ ދެކޮޅަށް ވާހަކަ ދައްކާތީ އިންޒާރުތަކެއް ލިބެމުން ދާ ކަމަށް ޝެއިހް މުހައްމަދު އަނީލް މިއަދު ވިދާޅުވެއްޖެ އެވެ.


އައްޑޫ ސިޓީ ހިތަދޫ، މަސްޖިދުލް ޒިންނޫރައިންގެ އިމާމް، އަނީލަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު އިންޒާރުތައް ދޭތީ މި މަހުން ފެށިގެން ފުލުހުން އަންނަނީ އޭނާގެ ސެކިއުރިޓީ ބަލަހައްޓަމުންނެވެ. އިންޒާރުތައް ދިނުމުގެ އިތުރުން އޭނާ މިސްކިތުގައި ހުންނަވަނިކޮށް އިއްޔެ ތޫނު އެއްޗެއް ބޭނުންކޮށްގެން ފައިވާނުގެ ވަދު ވަނީ ކަނޑާލައިފަ އެވެ.

އަނީލް މިރޭ "މިހާރު" އަށް ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން އޭނާ ދެއްވާ ދަރުސްތަކުގައި ހަރުކަށި ފިކުރާ ދެކޮޅަށް ވާހަކަ ދައްކަވާތީ އެކިއެކި އިންޒާރުތައް ދެމުން އަންނަ ކަމަށެވެ. އަދި މިމަހު 14 ގައި މާލޭގައި ބޭއްވި ދަރުސްއެއްގައި ހަރުކަށި ފިކުރުން ސަލާމަތްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވަނިކޮށް އިތުރު އިންޒާރުތަކާއި ފުރައްސާރަތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގުމަތީން ދިމާކޮށް ހަދަނީ އައްޑޫ ސިޓީގެ ބައެއް ކަމަށާއި އެ މީހުންނަކީ އޭނާ ނަމާދު ކުރާ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން އުޅޭ ބައެއް ކަމަށް ވެސް އަނީލް ވިދާޅުވި އެވެ.

"މަގުމަތީގައި އެކަނި ހުރެއްޖެނަމަ ގަޔާ ދިމާލަށް [ވެހިކަލް] ދުއްވާލުން ކަހަލަ ކަމެއް ކުރާނެ. މަގުމަތިން ދިމާކޮށް ހަދާނެ،" އަނީލް ވިދާޅުވި އެވެ.

އަނީލް ވިދާޅުވީ އޭނާ އަށް ތަފާތު އިންޒާރުތައް ދޭ މައްސަލަ 2016 އިން ފެށިގެން އަންނަނީ ފުލުހުންނަށް ހުށަހަޅަމުންނެވެ. އޭރު އެ މައްސަލަ ނުބެލި ނަމަވެސް މިހާރު އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިމަހު ބުނެފައިވާ ކަމަށް އަނީލް ވިދާޅުވި އެވެ.

ދީނީ ހަރުކަށި ވިސްނުމުގެ މީހުން އައްޑޫ ސިޓީގައި އުޅޭ ކަމަށް، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭންގޭ މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ވެސް ވަނީ ބުނެފަ އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް އަނީލް އެންމެ ފަހުން ދެއްވި ދަރުސްގައި ވިދާޅުވެފައިވަނީ އެ ފިކުރު ފެތުރުން ހުއްޓުވުމަށް އޮތް ހައްލަކީ އިސްލާމް ދީނުގެ ސައްހަ އަގީދާ އާއި ތައުލީމް ޒުވާނުންނާއި ޅަ ދަރިންނަށް އުނގަންނައި ދިނުން ކަމަށެވެ.