ބިދޭސީއަކާ މެދު ހިންގި ރަހުމްކުޑަ އަމަލެއް!

ބިދޭސީ މީހާ އަށް ކުރެވުނު ކުށަކީ ސައިކަލެއްގެ މަތީގައި އިށީނުމެެވެ. އަދަބެއްގެ ގޮތުން، ފެން ބާލިދީއެއް އޭނާގެ ގަޔަށް ޖަހައި ހިންގީ އިންސާނިއްޔަތާ ޚިލާފު އަމަލެކެވެ.


ސޯޝަލް މީޑިއާގައި މިއަދު ވައިރަލްވި ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީއަކު އިނީ ސައިކަލެއްގެ މަތީގައި އިށީނދެލައިގެން ފޯނާ ކުޅޭށެވެ. އެއް ފައި ސައިކަލް މައްޗަށް އަރުވައިގެންގެން އިންދައި ސިއްސައިގެން ދިޔައީ ގަޔަށް ފެން ބާލިދީއެއް ޖެހުމުންނެވެ. އެއާއެކު އޭނާ ސައިކަލް މަތިން ތެދުވެ އެވެ. ދެން ފެނުނީ، ސައިކަލްގެ ވެރިފަރާތް ކަމަށް ބެލެވޭ ދިވެއްސަކު ފޮތިގަނޑަކުން ސައިކަލް ފޮހޭ ތަނެވެ! ކަމެއް ވީކަމަށް ވެސް ނުހަދައި، ސައިކަލު ފޮހޭ ކަމަށް ހެދީ އެވެ.

ބިދޭސީ މީހާ އެއްޗެއް ނުބުނެ މަޑުމަޑުން ހިނގާފައި އެއް ފަރާތަކަށް ޖެހެ އެވެ.

ބިދޭސީއެއްގެ ގަޔަށް ފެން ބާލިދީއެއް ޖަހާ ވީޑިއޯ.

އެ މަންޒަރު ފެނުނު ގިނަ ބަޔަކު ސިފަކުރި ގޮތުގައި، އެއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާ ދޭތެރޭގައި އަމަލުކުރާ އިހާނެތި ގޮތުގެ ކުޑަ މިންވަރެކެވެ. އެ އަމަލު ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.

ޓުވިޓާގައި އެކަކު ލިއުނު ގޮތުގައި، ސައިކަލް މަތީގައި އިނީ ދިވެއްސަކު ނަމަ އެހާ ރަހުމްކުޑަކޮށް އަމަލު ނުކުރީހެވެ. އޭނާ ހިންގި ދަށު ދަރަޖައިގެ އަމަލާ މެދު ފިޔަވަޅު އަޅަން ވެސް އަންނަނީ ގޮވާލަމުންނެވެ.

"ރީތިކޮށް ތެދުވާށޭ ބުނި ނަމަވެސް ތެދުވާނެ ދޯ؟ ބޭރު މީހެއް ވިޔަސް ރާއްޖޭ މީހެއް ވިޔަސް މިގޮތަށް ކަންތައް ކުރާކަށް ނުވާނެ. ހާދަ ދެރަ ކަންކަމޭ މި ފެންނަނީ،" އެކަކު ލިއެފައިވެ އެވެ.

"ވަރަށް ދެރަ ކަމެއް، ބިދޭސީންނަކީ ވެސް އިންސާނުން."

ރުމެއިހް އަހްމަދު ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނިގޮތުގައި ސައިކަލް މަތީގައި އިނީ ބިދޭސީއަކަށް ވުމަކީ އިންސާނިއްޔަތުކަން ގެއްލެން ވީ ސަބަބެއް ނޫނެވެ. ގަޔަށް ބޮލަށް އަރައިގަނެ، ނާތަހުޒީބު އަމަލު ހިންގައި ދިވެހިންގެ އަގު ވައްޓާނުލަން އޭނާ އެދިފައިވެ އެވެ.

އެހެން މީހަކު ބުނިގޮތުގައި އެފަދަ ރަހުމްކުޑަ އަމަލުތައް ހިންގަނީ ރާއްޖޭގައި ކަން ގަބޫލުކުރަން ވެސް ދައްޗެވެ. އަދި އެކަން ކުރި މީހާ ހިތުން އެ ކުރީ ވަރަށް މޮޅު ކަމެއްތޯ ވެސް ސުވާލުކޮށްފައި ހުއްޓެވެ.

ސައިކަލްތަކަކީ އަގު ބޮޑު މުދާ ކަމަށާއި އޭގެ މަތީގައި އަރާ ތިބުން އާއްމުވެފައިވުމަކީ މައްސަލައެއް ކަމަށް ބުނެ ބައެއް މީހުން ހިޔާލުފާޅުކޮށްފައިވެ އެވެ. މި ވާހަކަ އަށް ތާއީދުކުރި ގިނަ ބަޔަކު އެއްބަސްނުވި ކަމަކީ ބިދޭސީއަކަށް ވުމުން އެހާ ރަހުމްކުޑަކޮށް އަމަލުކުރުމެވެ.

ބިދޭސީއަކާ ދޭތެރޭގައި ލާއިންސާނީ އަމަލު ހިންގާ މަންޒަރު މި އާއްމުވީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަވެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. މިކަން ހައްލުކުރުމަށް، ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވައްދަން އިމިގްރޭޝަނުން ވަނީ މަސައްކަތް ފަށައިފަ އެވެ.