ޔާމީންގެ ޝަރީއަތުގެ ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އަވަސްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަައުލަތުން ދައުވާކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ފަހު އަޑުއެހުން އަވަސްކޮށްފި އެވެ.


ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، ފައިސާގެ އަސްލު އޮޅުވާލީ ކަމަށް އެ ދައުވާގައިވެ އެވެ.

އެ މައްސަލާގެ ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން މި މަހުގެ 10 ވަނަ ދުވަހު ބާއްވާނެ ކަމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިއުލާން ކުރި އެވެ. އެކަމަކު މިހާރު ވަނީ އެ އަޑުއެހުން ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފަ އެވެ.

ޚުލާސާ ބަޔާން ހުށަހެޅުމުން މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލައި، 30 ދުވަސް ތެރޭގައި ހުކުމް ކުރަން ޖެހޭނެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީވީން ލައިވް ބްރޯޑްކާސްޓްކުރާ އެ ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ މިދިޔަ ހަފުތާގައި ވަނީ ނިމިފަ އެވެ.