ބިދޭސީއެއްގެ ގަޔަށް ފެން ބާލިދީއެއް ޖެހި މައްސަލަ ބަލަނީ

ސައިކަލް މަތީގައި އިށީނުމުގެ އަދަބެއްގެ ގޮތުން ބިދޭސީއެއްގެ ގަޔަށް ފެން ބާލިދީއެއް ޖެހި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.


އެކަން ކަށަވަރުކޮށްދިނުން ފިޔަވައި ތަހުގީގު ކުރިއަށްދާތީ ފުލުހުންގެ މީޑިއާ އޮފިޝަލް ތަފްސީލެއް ނުދެއްވަ އެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ވައިރަލްވި ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީއަކު އިނީ ސައިކަލެއްގެ މަތީގައި އިށީނދެލައިގެން ފޯނާ ކުޅޭށެވެ. އެއް ފައި ސައިކަލް މައްޗަށް އަރުވައިގެންގެން އިންދައި ސިއްސައިގެން ދިޔައީ ގަޔަށް ފެން ބާލިދީއެއް ޖެހުމުންނެވެ. އެއާއެކު އޭނާ ސައިކަލް މަތިން ތެދުވެ އެވެ. ދެން ފެނުނީ، ސައިކަލްގެ ވެރިފަރާތް ކަމަށް ބެލެވޭ ދިވެއްސަކު ފޮތިގަނޑަކުން ސައިކަލް ފޮހޭ ތަނެވެ.

މި މަންޒަރު އާއްމުވުމާ އެކު ގިނަ ބަޔަކު ވަނީ ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަަކަށް ގޮވާލައިފަ އެވެ. އަދި އެ ރަހުމްކުޑަ އަމަލު ކުށްވެރިކޮށްފަ އެވެ.

ބިދޭސީއަކަށް ވުމަކީ އިންސާނިއްޔަތު ކަން ގެއްލުވާލަން ވީ ސަބަބެއް ނޫން ކަމަށާއި ރާއްޖެ އިން އެކަން ފެންނާތީ ހިތާމަކުރާ ކަމަށް ބައެއް މީހުން ޓުވިޓާގައި ލިއެފައިވެ އެވެ.

ބިދޭސީންނާ މެދު ހިންގާ ރަހުމްކުޑަ އަމަލުތަކާ މެދު ގިނަ ފަހަރަށް އޮންނަނީ ފިޔަވަޅު ނޭޅި އެވެ. އެކަމަކު ފެން ޖެހި މައްސަލަ ސޯޝަލް މީޑިއާގައި ކެކިގަތުމުން ފުލުހުން ވެސް މިފަހަރު ދޫކޮށް ނުލީ އެވެ.