އެމްއާރްއެމް އުފައްދަން އީސީން ހުއްދަ ދީފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީން) މިއަދު ދީފި އެވެ.


އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އަށް މިދިޔަ އޮގަސްޓް މަހު އެދިވަޑައިގަތީ މައުމޫނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ އެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ހަވާލުކުރެއްވީ ވެސް ޔުމްނާއާ އެވެ

އެމްއާއްއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އާމިނަތު ނާދިރާ "މިހާރު" އަށް މިއަދު ވިދާޅުވީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާނެ ތަނެއް މިވަގުތު ފަސޭހައިން ލިބެން ނެތް ކަމަށާއި އެހެންވީމާ ޖަލްސާ ބޭއްވޭނީ ނޮވެމްބަރުގައި ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ދަރުބާރުގެ ނެތް މިވަގުތު ލިބޭކަށް. ދެން އަނެއްކާ ޖީސީއީ އޯލެވެލް އިމްތިހާނު ކުރިއަށް ދާތީ ސްކޫލްތައް ވެސް ނުލިބޭނެ. އެހެންވީމާ އަޅުގަނޑުމެން މި އުއްމީދުކުރަނީ ނޮވެމްބަރުގައި ޖަލްސާ ބޭއްވޭނެކަމަށް،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ޖަލްސާ ބާއްވަން ޖެހެނީ ހުއްދަ ދޭ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގަ އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދި ދެވަނަ ފަހަރަށް ހުށަހެޅީ 3،313 ފޯމާ އެކުގަ އެވެ. އެ ޕާޓީގެ މުއައްސިސްގެ ގޮތުގައި އެންމެ ފުރަތަމަ ހުށަހެޅުއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން އެވެ. އެކަމަކު ފަހުން ޕާޓީގެ މުއައްސިސްގެ ގޮތުގައި އީސީ އަށް ހުށަހެޅުއްވީ ޔުމްނާގެ ނަމެވެ.

ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްދެނީ 3،000 މެމްބަރުން ހަމަ ކުރުމުންނެވެ. ދައުލަތުން ސިޔާސީ ޕާޓީތަކަށް ބަޖެޓު ދެނީ 10،000 މެމްބަރުން ހަމަވާނަމަ އެވެ.

އެމްއާރުއެމްއަކީ މައުމޫން އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ.

ޕީޕީއެމަށް ދޫކޮށްލައްވައި، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު މައުމޫން ފެއްޓެވީ ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތައް ޝަރީއަތުން އެމަނިކުފާނާ އެއްކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން ގެއްލުމުންނެވެ.އެ ޕާޓީ ދޫކޮށްލަން މައުމޫނަށް ޖެހިވަޑައިގަތީ، ކޮއްކޯފުޅު، ކުރީގެ ރައީސް ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ.