ފަލަސްތީނަށް ވަޑައިގަތުމުގެ ދައުވަތު ރައީސަށް ދެއްވައިފި

ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްގެ ޚާއްސަ މަންދޫބަކު ރާއްޖެ ވަޑައިގެން، މަހްމޫދް އައްބާސްގެ ސިޓީފުޅެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުއްވައި، ފަލަސްތީނަށް ވަޑައިގަތުމުގެ ދައުވަތު ދެއްވައިފި އެވެ.


މަހްމޫދް އައްބާސްގެ ޚާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަތީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ވަކާލާތު ކުރައްވައި، އދ. ގެ އާންމު މަޖިލީހުގައި ރައީސް ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ވެސް އެމަނިކުފާނު ވަނީ ކުށްވެރި ކުރައްވައިފަ އެވެ.

މަހްމޫދް އައްބާސްގެ މަންދޫބެއްގެ ގޮތުން ރާއްޖެ ވަޑައިގަތް އެ ގައުމުގެ ޕްރެޒިޑެންޝަން އެޑްވައިޒާ ފޯ ރިލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަން އަދި ޝަރީއާ ކޯޓުގެ އެންމެ އިސް ފަނޑިޔާރު ޑރ. މަހްމޫދް އަލް ހައްބާޝް މިއަދު ރައީސްއާ ބައްދަލު ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލައި، އދ. ގައި ރައީސް ވާހަކަފުޅު ދައްކަވާފައިވާތީ އެ ބައްދަލުވުމުގައި ޑރ. ހައްބާޝް ރައީސަށް ޝުކުރު އަދާ ކުރެއްވުމުގެ އިތުރުން އެ ގައުމުގެ ރައީސް މަހްމޫދް އައްބާސްގެ ޚާއްސަ ސިޓީފުޅެއް ރައީސަށް އަރުވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ފަސޭހަފުޅު ވަގުތެއްގައި ފަލަސްތީނުގެ ގުދުސްއަށް ވަޑައިގަތުމުގެ ދައުވަތު އެ މަންދޫބު ރައީސަށް ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ރާއްޖެއިން ވަކާލާތު ކުރާނެ ކަމަށާއި ފަލަސްތީނާއި އިޒްރޭލްގެ މައްސަލަ ހައްލު ކުރެވޭނީ އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހަމަޖެހިގެން ކަމަށް އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ރައީސުންގެ ތެރެއިން ފަލަސްތީނަށް މިހާތަނަށް ވަޑައިގަތް ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ޖޫން 2013 ގައި ފަލަސްތީނަށް ވަޑައިގަތީ ބައިތުލް މަގްދިސްއާ ބެހޭ ބައްދަލުވުމެއް ޝަރަފްވެރިކޮށް ދެއްވުމަށެވެ.