އެމްޑީއެންގެ ރިޕޯޓު އަނބުރާ ގެންގޮސް، މާފަށް އެދިއްޖެ

ރާއްޖޭގައި ދީނީ ގޮތުން ހަރުކަށިކަން އޮތް މިންވަރާ ގުޅޭގޮތުން މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓުގައި ބައެއް ކަންކަން ގެނެސްފައި ވަނީ ދީނީ ގޮތުން އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އެ ޖަމިއްޔާ އިން މާފަށް އެދި، ރިޕޯޓު އަނބުރާ ގެންގޮސްފި އެވެ. އެމްޑީއެންގެ މި ނިންމުން އައީ އެ ރިޕޯޓުގައި އިސްލާމްދީން އަދި ކީރިތި ގުރުއާން ގައި ކަނޑައެޅިގެން ބަޔާން ކުރައްވާފައިވާ ބައެއް ކަންކަމާ ޚިލާފަށް ބައެއް ވާހަކަތައް ލިޔުމުން އެތައް ބައެއްގެ ފިއްތުންތަކާ ހެދި އެވެ.


"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ.

މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމްޑީއެން ބަންދު ކުރުމަށް ގޮވާލައި، ސޯޝަލް މީޑިއާގައި އަޑު އުފުލަމުން އެބަދެ އެވެ.

އެކަމާ ގުޅިގެން އެ ޖަމިއްޔާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެއީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށް ކޮށްފައިވާ މަސައްކަތެއް ކަމަށާއި އެކަމަކު ރިޕޯޓުގައި ބޭނުންކޮށްފައިވާ ބައެއް ބަހުރުވަ އާއި ވާހަކަތައް އެންމެ ރަނގަޅަށް ގެނެވިފައިވާ ނުވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އާއްމުންގެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަން ދެނެގަންނަ ކަމަށް ބުނެ، އެކަމަށް މާފަށް އެދިފައި ވެ އެވެ.

"އެހެންވެ، ރިޕޯޓު ވަގުތީ ގޮތުން އަނބުރާ ގެނެސް، ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓު އިސްލާހުކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.

އެމްޑީއެން އިން ބުނިގޮތުގައި، އެއީ އިސްލާމްދީނާއި ދިވެހި ސަގާފަތާއި ގާނޫނުތަކަށް އިހްތިރާމް ކުރާ ޖަމިއްޔާ އެކެވެ. އެކަމަކު އެ ރިޕޯޓާ ގުޅިގެން، އެ ޖަމިއްޔާގެ މެމްބަރުންނާއި މުވައްޒަފުންނަށް ފުރައްސާރަކޮށް، ފުރާނައަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށާއި އެކަމަކު އޭގައި ޒިންމާދާރު ގޮތަކީ، ގޯހެއް ހެދިފައިވާ ނަމަ، އެކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވުން ކަމުގައި ބުންޏެވެ.

އެ މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ.

ފުލުސް އޮފީހުން ބުނީ އެމްޑީއެންގެ މީހުން ހިމެނޭ ގޮތުން ވަކި ބައެއްގެ ފޮޓޯ ޖަހައިގެން އެ މީހުންގެ މައުލޫމާތު ހިމަނައި އެއީ އިސްލާމްދީން ނައްތައިލަން މަސައްކަތްކުރާ ބައެއް ކަަމަށް ބުނެ އެ މީހުންނާ މެދު ނަފްރަތު އުފައްދަން މަސަައްކަތް ކުރާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަަދި ބުނީ އިސްލާމްދީނާ ޚިލާފު ވާހަކަތައް ރިޕޯޓުގައި ހިމެނި މައްސަލަ ބަލަނީ، އެމްޑީއެންގެ މީހުން ހިމެނޭ ގޮތުން ވަކި ބައެއްގެ ފޮޓޯ ޖަހައިގެން އެ މީހުންގެ މައުލޫމާތު ހިމަނައި އެއީ އިސްލާމްދީން ނައްތައިލަން މަސައްކަތްކުރާ ބައެއް ކަަމަށް ބުނެ އެ މީހުންނާ މެދު ނަފްރަތު އުފައްދަން މަސަައްކަތް ކުރާ މައްސަލައިގެ ތެރެއިން ކަމަށް ފުލުހުން މިއަދު ބުންޏެވެ.