މީރާގެ ދައުރު ކުޑަކޮށް ފިނޭންސަށް ބާރުތައް ދޭން އެކްޝަން ޕްލޭންގައި ހިމަނައިފި

ދައުލަތުުގެ ޓެކްސް އިދާރާ މީރާގެ ދައުރު، ޓެކްސްއާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މިހާރަށް ވުރެ ކުޑަކޮށް ފިނޭންސް މިނިސްޓްރީ އަށް އެ ބާރުތައް ދިނުމަށް މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭން ގައި ހިމަނައިފި އެވެ.


މީރާ އަކީ ވިޔަފާރިތަކާ ރައްޓެހި އިދާރާ އަކަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ރާއްޖޭގެ އިގްތިސޯދު ޑައިވާސިފައި ކުރުމުގެ ވައުދުގެ ދަށުން ކުރަން ކަނޑައަޅާފައި އެއް ކަމަކީ ވެސް މީރާ އަކީ ވިޔަފާރިތަކާ ރައްޓެހި ތަނަަކަށް ހެދުމެވެ.

މީރާގެ ބާރުތައް ފިނޭންސް މިނިސްޓްރީ އަށް ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރަން އެކްޝަން ޕްލޭންފައި ހިމަނާފައި ވަނީ މި އަހަރާއި އަންނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ތެރޭގައި މީރާގެ ނުފޫޒު އޮޑިޓަރުންގެ މައްޗަށް އޮންނަ މިންވަރު ކުޑަކުރުމާއި ޓެކްސް ނިޒާމުގައި ހުންނަ ޖޫރިމަނާތަކާއި އަދަބުތައް މިހާރަށް ވުރެ ކުޑަކުރުން ވެސް ހިމެނެ އެވެ.

ޓެކްްސް ނިޒާމަށް ތައާރަފް ކުރަން ހިމަނާފައިވާ އަނެއް ކަމަކީ އިތުރަށް ދެއްކޭ ޓެކްސް ރިފަންޑް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި އެޑްވާންސްކޮށް ޓެކްސް ރޫލިންތައް ނެރެވޭ ގޮތް ހެދުމެވެ. އެ ކަންތައްތަކާ އެކު ޓެކްސްގެ ނިޒާމް ފަސޭހަ ކުރުމުގެ ކަންކަން ވެސް 2023 ގައި ނިންމަން އެކްޝަން ޕްލޭންގައި ވަނީ ހިމަނައިފަ އެވެ.

އެކްޝަން ޕްލޭން އިފްތިތާހު ކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، އެކްޝަން ޕްލޭން ބިނާ ކޮށްފައި ވަނީ މި ސަރުކާރު ހިންގާ ކޯލިޝަނުން ނެރުނު މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކަށް ކަމަށެވެ. ރައްޔިތުން މި ސަރުކާރު ގެނައީ އެ މެނިފެސްޓޯ ތަންފީޒު ކުރަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގަތީ، އެކްޝަން ޕްލޭންގައި ހިމެނޭ ބައެއް ކަންކަމާ ނުގަބޫލު ވިޔަސް އެ ޕްލޭން ތަންފީޒު ކުރަން، ސަރުކާރުގެ ހުރިހާ މަގާމުތަކެއްގައި ތިއްބެވި ބޭފުޅުން ވެސް އެއްބާރުލުން ދެއްވުމަށެވެ.

"މިއިން ކޮންމެ ކަމަކީ އެތައް ބައިވަރު ރައްޔިތުންނާ ވާހަކަ ދެއްކެވި، އެތައް މުއައްސަސާތަކާ ވާހަކަ ދެއްކެވި ލިޔެވިފައި ހުރި ކަންތައްތަކެއް. އެހެންވީމާ ތިމާ އަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިޔަސް އެ ކަންތައް ތަންފީޒު ކުރުމުގައި ފަސްޖެހިވަޑައިނުގެން އަޅުގަނޑާ އެކު ކުރިއަށް ވަޑައިގަތުމަކީ ހުރިހާ ވަޒީރުންގެ ކިބައިން އަދި ސިޔާސީ ހުރިހާ މުވައްޒަފުންގެ ކިބައިން އެދޭ އެދުމެއް،" ރައީސް ވިދާޅުވި އެވެ.