އައްޑޫ އެކްސިޑެންޓުގައި ޒަހަމްވި މީހާ މަރުވެއްޖެ

ސ. މަރަދޫފޭދޫގައި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާ މިއަދު މަރުވެއްޖެ އެވެ.


ލިންކްރޯޑާ ގުޅޭ ހިސާބުގައި ދެ ސައިކަލެއް ޖެހި މިިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި ޒަހަމްވި 55 އަހަރުގެ ފިރިހެން މީހާ އޭގެ އަނެއް ދުވަހު މާލެ ގެނައުމަށްފަހު އައިޖީއެމްއެޗުގައި އައީ ފަރުވާ ދެމުންނެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި ޒަހަމްވި މީހާ އަށް އައިސީޔޫގައި ފަރުވާދެނިކޮށް ހެނދުނު 8:30 ހާއިރު މަރުވެފައިވާ ކަމަށެވެ.

ފަރުވާ އަށް ފަހު މީގެ ކުރިން އޭނާގެ ހާލު ރަނގަޅުވާން ފެށުމުން ވެންޓިލޭޓަރުން ވެސް ނެގި އެވެ. އެކަމަކު އޭނާ މަރުވިއިރު އޮތީ ވެންޓިލޭޓަރުގައި ކަމެއް އަދި ސާފެއް ނުވެ އެވެ.

އެ އެކްސިޑެންޓު ހިނގީ ޝަންގްރިއްލާ ރިސޯޓުގައި މަސައްކަތްކުރާ އެ މުވައްޒަފުގެ އޯފް ދުވަހު، ރަށު ތެރޭގައި ދުއްވާލުމަށް ފަހު ގެއަށް ދިޔަ މަގުމަތީގަ އެވެ. އެ އެކްސިޑެންޓަށް ފަހު އަނެއް ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖާ ފިލި އެވެ. ނަމަވެސް އެ ކުއްޖާ ވެސް ޒަހަމްވެފައި ވާތީ ފަރުވާ ހޯދަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފަހުން ދިޔަ އެވެ.