ދީނާ ދެކޮޅު ހަރާކާތްތަކަށް ފަންޑު އެބަކުރޭ، ބަޔާނެއް ނެރުމަކުން ނުފެދޭ: ޖަމީލް

އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ހިންގަން ބޭރުގެ ބަޔަކު ފަންޑުކުރަމުންދާ ކަމަށާއި މިކަމާ ދެކޮޅަށް ސަރުކާރުން ހަމައެކަނި ނޫސް ބަޔާނެއް ނެރުމަކުން ނުފެދޭ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ފާޑުވިދާޅުވެއްޖެ އެވެ.


އިސްލާމްދީނާއި މާތް ރަސޫލާ އަށް ފުރައްސާރަކޮށްފައި ހުރި ވާހަކަތަކާ އެކު އެމްޑީއޭ އިން އިން ނެރުނު ރިޕޯޓާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ޖަމީލް ޗެނަލް 13 ގައި ވިދާޅުވީ އެ ރިޕޯޓާ ހެދި ސަރުކާރަށް ކުރިމަތިވާ ޕްރެޝަރުތަކުގެ ދިފާއުގައި މިނިސްޓަރަކު ނޫސް ބަޔާނެއް ނެރުއްވުމަކުން ނުވަތަ ތަހުގީގު ކުރިއަށް އެބަގެންދަމޭ ވިދާޅުވެ ނިންމާލުމަށް ވުރެން މައްސަލަ ސީރިއަސް ކަމަށެވެ.

"އަޅުގަނޑަށް ހަމަ ކެރިގެން ބުނަން ކެރޭ، މިދެންނެވި ރިޕޯޓާއި ދެން ހުރި ކަންކަމަކީ މަޑުމަޑުން ރައްޔިތުން ކަމަކަށް ހޭނުވަން، ނުވަތަ ސްކޫލްތަކުގެ ދަރިވަރުންގެ ވިސްނުން އެހެން ދިމާލަކަށް ބަދަލުކޮށްލަން ބަޔަކު ހަމަ ފަންޑްކޮށްގެން ކުރާ މަސައްކަތްތަކެކޭ،" ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަ އަށް ބާރު ދެއްވަން ވިދާޅުވީ ސްކޫލްތަކުގެ މަންޖަހު ދިރާސާކުރުމުގެ މަސައްކަތް ވެސް ގެންދަނީ ކަންބޮޑުވުން އުފެދޭ ގޮތަށް ކަމަށެވެ. ބޭނުމަކީ އިސްލާމްދީނާ ދުރަށް ދަރިވަރުންގެ ވިސްނުން ގެންދިއުން ކަމަށް ވިދާޅުވެ ފާޑުވިދާޅުވި އެވެ.

ޕީޕީއެމުން ތުހުމަތުކޮށްފައިވާ ގޮތުގައި މަންހަޖު އިސްލާހު ކުރަން ހަވާލުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ބަޔަކާ އެވެ. އެކަމުގެ މައުލޫމާތު ސާފުކުރަން އެޑިއުކޭޝަން މިނިސްޓްރީގެ އެޕޮއިންޓްމެންޓަކަށް އެދުމުން މިހާތަނަށް ހަމަޖައްސައިދީފައި ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ ބުރާސްފަތި ދުވަހު ކ. ދިއްފުށީގައި ވަނީ ވިދާޅުވެފަ އެވެ.

އެމްޑީއެންގެ ރިޕޯޓުގެ ވެސް ބޭނުމަކީ، ޖަމީލް ސިފަކުރެއްވި ގޮތުގައި، ރާއްޖޭގެ ރައްޔިތުންގެ ވިސްނުން ވަކި ގޮތަކަށް ބަދަލުކުރަން މަސައްކަތް ކުރުމެވެ. އެއީ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވެ ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ރިޕޯޓު ނެރުމަކީ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކުރި ކުށެކެވެ. އެއީ އަދަބު ލިބެން ޖެހޭ އަމަލަކަށް ވި ނަމަވެސް ސަރުކާރުން ފިޔަވަޅު އެޅުމުގައި ލަސްކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަން ގާނޫނުއަސާސީގައި ކަނޑައަޅައި އެއާ ޚިލާފުވާ އެއްވެސް ގާނޫނެއް ގަވާއިދެއް ނުހެދުމުގެ އިތުރުން ރާއްޖޭގެ ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ކަން ވެސް ކަނޑައަޅާފައިވާ ކަން ފާހަގަކުރެއްވި އެވެ. މިގޮތާ މެދު ފުށުއަރާ އެއްވެސް ކަމެއް ހިނގާ ނަމަ، އެކަމަކަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު އިދިކޮޅު ޕީޕީއެމާ އެކު މަސައްކަތް ކުރައްވާ ޖަމީލް ވިދާޅުވީ ވަކި ސަރުކާރަކާ ދިމާލަށް އިނގިލި ދިއްކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެކަމަކު މި ސަރުކާރުން ވެސް ވެރިކަމާ ހަވާލުވީ ގާނޫނު ނެގެހެއްޓުމުގެ ވައުދާ އެކުގައި ކަމަށާއި ދީން ހިމާޔަތްކުރުމަކީ ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ ވަރަށް ބޮޑު ޒިންމާއެއް ކަަމަށް ވިދާޅުވި އެވެ.

އިސްލާމްދީން ހިމާޔަތްނުކޮށް، ބޭނުން ވަނީ ކޮން ބައެއްގެ ރުހުން ހޯދަންތޯ ޖަމީލް ސުވާލު ކުރެއްވި އެވެ.

"ކޮން ބައެއްގެ ލޯބި ހޯދަންހޭ މި އުޅެނީ މިކަން [އިސްލާމްދީން ހިމާޔަތް] ނުކޮށް. ކޮން ބައެއްގެ މަސްލަހަތު ރައްކާތެރިކުރަންހޭ މި އުޅެނީ އަޅުގަނޑުމެން މިކަން ނުކޮށް. ކޮންބައެއްގެ އަޅާލުމާއި ކުލުނު ހޯދަންހޭ މިއުޅެނީ މިކަން ނުކޮށް،" ޖަމީލް ސުވާލު ކުރެއްވި އެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެފައިވެ އެވެ.

އެގޮތުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ.