ވަޒީފާއެއް ހޯދަމުންދާ މީހުންނަށް އެލަވަންސް ދިނުމުގެ ބިލާއި އިންކަމް ޓެކްސްގެ ބިލް މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ

ވަޒީފާއެއް ހޯދަން މަސައްކަތްކުރާ މީހުންނަށް އެލަވަންސް ދިނުމުގެ ބިލާއި އިންކަމް ޓެކްސްގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފި އެވެ.


އެ އޮފީހުން ބުނީ، ސަރުކާރުގެ ފަރާތުން މަޖިލީހުގެ މި ދައުރަށް 32 ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަލަށް ތައާރަފްކުރާ ގާނޫނުތަކުގެ ބިލްތަކުގެ ގޮތުގައި ހިމެނެނީ ވަޒީފާއެއް ހޯދަމުންދާ މީހުންނަށް އެލަވަންސް ދިނުމުގެ ބިލާއި އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި މަދަނީ އިޖްރާއާތުގެ ބިލާއި ބޯހިޔާވަހިކަމުގެ ބިލާއި ޓެނަންސީ ބިލުގެ އިތުރުން އިންތިގާލީ އަދާލަތުގެ ބިލާއި ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލާއި ކްލައިމެޓް ރެސިލިއަންސާބެހޭ ބިލާއި ފޮރެސްޓްރީގެ ބިލާއި ޖަމްއިއްޔާތަކާ ބެހޭ ބިލެވެ.

މީގެ އިތުރުން، ފޮރިން އިންވެސްޓްމަންޓްގެ ބިލާއި ފެނާއި ނަރުދަމާގެ ބިލާއި ޗާޓާޑް އެކައުންޓެންޓުންގެ ބިލް ވެސް އަލަށް ތައާރަފްކުރާ ގާނޫނުތަކުގެ ބިލްތަކުގެ ގޮތުގައި މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލްތަކުގެ ގޮތުގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގާނޫނުލް އުގޫބާތުގެ ބިލް ހިމެނެ އެވެ. އަދި ލާމަރުކަޒީ ގާނޫނާއި ފުލުހުންގެ ގާނޫނާއި އާއިލާއާ ބެހޭ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލްތައް ވެސް ހިމެނޭ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

ސަރުކާރުގެ ފަސް އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި 200 އަށް ވުރެ ގިނަ ބިލް މަޖިލީހަށް ހުށަހަޅަން ހިމަނާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ބިލްތައް މަޖިލީހުން ފާސްކޮށްފައި ވާއިރު އިތުރު ބައެއް ބިލްތައް މަޖިލީހަށް މިހާރު އޮތީ ހުށަހެޅިފަ އެވެ.