ބޯޓުން މިހާތަނަށް ފެނުނު މަސްތުވާތަކެތި "150 ކިލޯއާ ގާތް ވެސް ނުކުރޭ"

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ބޯޓުގައި 150 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރި ނަމަވެސް މިހާތަނަށް އެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަށް އެ އަދަދާ ގާތް ވެސް ނުކުރާކަން "މިހާރު" އަށް އެނގިއްޖެ އެވެ.


މިދިއަ ހޮނިހިރު ދުވަހުގެ ރޭ، ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ހިންގި އޮޕަރޭޝަންގައި ހިފެހެއްޓީ ބޭރުގެ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ދިވެހި މަސް ދޯންޏެވެ. އޭގެ ތެރެއިން އީރާނުގެ ދިދަ ނަގާފައިވާ ބޯޓްގައި ހަ މީހުން ތިބިއިރު ރާއްޖޭގެ މަސް ދޯނީގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިއްބެވެ. އެ އެންމެން ވަނީ ހައްޔަރުކޮށްފަ އެވެ.

ބޯޓާއި ދޯނި ވެސް ރޭ ވަނީ ދޫނިދުއަށް ގެނެސްފަ އެވެ. މިހާރު ކުރިއަށް ދަނީ އެ އެއްޗެހި ބަލައި ފާސްކުރުމުގެ މަސައްކަތެވެ.

އެކަމަކު "މިހާރު"އާ ވާހަކަ ދެއްކި، މައުލޫމާތު ހުރި މީހަކު ބުނީ، މިހާތަނަށް ފެނުނު މަސްތުވާތަކެތީގެ ބަރުދަން 150 ކިލޯއާ ގާތް ވެސް ނުކުރާ ކަމަށެވެ. އެކަމަކު މިހާތަނަށް ފެނުނު މަސްތުވާތަކެތީގެ ބަރުދަނެއް އޭނާ ވެސް ނުބުނެ އެވެ.

"ސީދާ އަދަދު އެނގޭނީ ފާސްކޮށް ނިމުނީމާ،" އޭނާ ބުންޏެވެ.

އެ ބޯޓްގައި 150 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ހަބަރު ފެތުރީ އިންޑިއާގެ ސަލާމަތީ ބާރުތަކާ ހަވާލާދީ އެގަމުގެ ބައެއް ނޫސްތަކުންނެވެ.

މި ބޯޓުގެ މައްސަލާގައި ރާއްޖޭގެ ފުލުހުން އަދި މާ ބޮޑު ވާހަކަތަކެެއް ނުދައްކަ އެވެ. ފުލުހުން ބުނެފައި ވަނީ އޮޕަރޭޝަންގެ ތަފްސީލު ފަހުން ދޭނެ ކަމަށެވެ.

އީރާނުގެ ދިދައެއް ނަގާފައި ހުރި ބޯޓު އަތުލައިގަތީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުންނެވެ. ބޯޓު ދަތުރުކުރީ ޕާކިސްތާނުން ފުރައިގެން ކަމަށް، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ، އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ބޯޓުން ކަންކުރަންވީ ގޮތް ފަޅުވެރިންނަށް އަންގަމުން ދިޔައީ ޕާކިސްތާނުގައި ތިބި ބައެކެވެ.

ރާއްޖޭގެ ކަނޑު ސަރަހައްދަށް ވަދެ، ހިންގާ ޑްރަގްގެ ބޮޑެތި މުއާމަލާތްތަކުގައި ރާއްޖޭގެ އުޅަނދުފަހަރު ބައިވެރިވެ އެވެ. ބޭރު ބޯޓުން ގެންނަ މަސްތުވާތަކެއްޗާ ހަވާލުވެ، އެ އެއްޗެހި ރާއްޖޭގެ ކޮންމެވެސް ހިސާބަކަށް ގެންދަނީ ރާއްޖޭގެ އުޅަނދުފަހަރުންނެވެ. އެގޮތަށް މަސްތުވާތަކެތި ހިފައިގެން އަންނަ ގިނަ އުޅަނދުތަކެއް މިފަހުން ވަނީ ރާއްޖޭގެ ސިފައިންނާއި ފުލުހުންގެ އޮޕަރޭޝަންތަކުގައި އަތުލައިގެންފަ އެވެ.