އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ތިން ބޭފުޅެއްގެ ނަން ތަޅުމަށް

އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ތަޅުމަށް ހުށައަޅަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.


ރައީސް ނަން ފޮނުއްވި ހަތަރު ބޭފުޅުންނާ އިއްޔެ ކޮމެޓީން ވަނީ އިންޓަވިއުކޮށްފަ އެވެ. މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމެޓީން ނިންމީ ހުސެއިން ފިޔާޒް މޫސާ އާއި އަހުމަދު ފަޔާޒް ހަސަން އަދި އަހުމަދު އާހިދު ރަޝީދުގެ ނަމެވެ. ފާތުމަތު ސައުޝަންގެ ނަން ފާހެއް ނުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރާނީ އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. ވޯޓް ނަގާނެ ދުވަހެއް އަދި ތާވަލެއް ނުކުރެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން ގާނޫނުގައި ބުނާ މުއްދަތު ހަމަވެ، އެ މުއައްސަސާ މިހާރު ވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. ގާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަންވާނެ އެވެ. އެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ މުއްދަތު ހަމަވީ ޖުލައި 22 ގަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ.