70 ކިލޯގެ ޑްރަގްގެ މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ދެ އުޅަނދުން 70 ކިލޯގެ މަސްތުވާތަކެތި ފެނުން މައްސަލައިގައި މިހާތަނަށް 13 ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


މިދިއަ ހޮނިހިރު ދުވަހުގެ ރޭ، ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ހިންގި އޮޕަރޭޝަންގައި ހިފެހެއްޓީ އީރާނުގެ ދިދަ ނަގާފައިވާ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެވެ. ބޯޓްގައި ހަ މީހުން ތިބިއިރު ރާއްޖޭގެ މަސް ދޯނީގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިބި ކަމަށް ފުލުހުން ބުންޏެވެ.

ފުލުސް އޮފީހުން މިރޭ ބުނީ ޑްރަގް މި ނެޓްވޯކާ ގުޅޭ އިތުރު ތިން މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ ދިވެހިން ކަމެއް އަދި ހައްޔަރު ކުރީ ކޮންތަނަކުން ކަމެއް ފުލުހުން ނުބުނެ އެވެ.

ހައްޔަރު ކުރި އެންމެންނަށް ވެސް މިއަދު ވަނީ ބަންދުގެ މުއްދަތު ޖަހާފަ އެވެ.

ފުލުހުން ބުނިގޮތުގައި ބޯޓުގައި ތިބި ހަ މީހުންނާއި ދޯނިން ހައްޔަރު ކުރި ދެ ދިވެހިންނާއި ފަހުން ހައްޔަރު ކުރި ތިން މީހުންނަށް 15 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން މިއަދު ޖަހާފައިވާ ކަމަށެވެ. އަދި ދޯނީގައި ތިބި ބަންގްލަދޭޝްގެ ދެ މީހުންނަށް، 10 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނިގޮތުގައި ތިން ގޯންޏަކަށް އަޅާފައި ހުރި 70 ޕެކެޓް މަސްތުވާތަކެތީގެ ބަރުދަން 70 ކިލޯއަށް އަރަ އެވެ. އަދި އެ ތަކެތީގެ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބުނެފައި ވެ އެވެ.

އީރާނުގެ ދިދައެއް ނަގާފައި ހުރި ބޯޓު އަތުލައިގަތީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުންނެވެ. ބޯޓު ދަތުރުކުރީ ޕާކިސްތާނުން ފުރައިގެން ކަމަށް، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ، އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެ އެވެ.