ސީއެސްސީ މެމްބަރުންގެ މައްސަލަތަކެއް ބަލަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުންގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަން ފަށައިފި އެވެ.


އެކަމަކު އެއީ ކޮން މައްސަލަތަކެއް ކަން އެ ކޮމިޓީން އަދި ހާމައެއް ނުކުރެ އެވެ. މެމްބަރުންނާ ގުޅޭ ގޮތުން ބަލާ މައްސަލަތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޮންނަ ސަބް ކޮމިޓީ 3 ގެ ބައްދަލުވުމެއް އިއްޔެ ބޭއްވި އެވެ.

ސީއެސްސީގެ ފަސް މެމްބަރުންނަކީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ފާތުމަތު އާމިރާ އާއި އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުސެއިނެވެ.

މި މެމްބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން ކުރިން ނިންމި އެވެ. އެއީ، އިލްމީ އަދި ގާބިލް މީހުންގެ ބަދަލުގައި ޝަރުތު ހަމަނުވާ ބަޔަކު ސިވިލް ސާވިސްގެ އެކި މަގާމުތަކަށް ހަމަޖައްސާ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީ އެކަން ބެލުމަށް ކަމަށެވެ.

އެހެން މިނިވަން މުއައްސަސާތަކެކޭ އެއްގޮތަށް، ކުރީގެ ސަރުކާރުގައި ސިވިލް ސާވިސް ކޮމިޝަންގެ ވެސް މިނިވަންކަން ގެއްލި، ސަރުކާރުގެ ނުފޫޒުން ކަންކަން ކުރަމުން ދިޔަ ކަމަށް ތުހުމަތު ކުރި އެވެ. ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ޖަލްސާތަކަށް ސިވިލް ސާވިސްގެ މުވައްޒަފުން ދާން މަޖުބޫރު ކުރުވި އިރު ވެސް ފިޔަވަޅު ނާޅާ ކަމުގެ ހިތްހަމަނުޖެހުންފާޅުކުރި އެވެ. އަދި އޭރު މުވައްޒަފުންގެ ވަޒީފާތަކާ މެދު ފިޔަވަޅު އަޅަމުން ދިޔަ އިރު މުވައްޒަފުންގެ ހައްގުގައި ސިވިލް ސާވިސް އިން މަސައްކަތް ނުކުރާ ކަމުގެ ތުހުމަތު ވެސް ކުރި އެވެ.

ސީއެސްސީ މެމްބަރުންގެ މައްސަލަތަކެއް ބަލަމުންދާ އިރު، މިނިވަން މުއައްސަސާތަކާއި މިނިވަން މަގާމުތަކަށް ނުފޫޒު ފޯރުވައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ހުއްޓުވުމަށް ގާނޫނުތަކަށް ސަރުކާރުން ވަނީ އިސްލާހުތަކެއް ހުށަހަޅައިފަ އެވެ.