ނާސްތާ ޕްރޮގްރާމްގެ ފައިދާ 15 ވަރަކަށް އަހަރުގެ ތެރޭގައި ފެންނާނެ: ނަޝީދު

ކިޔަވާ ކުދިންނަށް ނާސްތާ ދިނުމަށް އެމްޑީޕީން ކުރިއްސުރެ ނިންމާފައި ވަނީ ގިނަ ސަބަބުތަކާ އެކު ކަމަށާއި އޭގެ ނަތީޖާ ކުރިއަށް އޮތް 15 ވަރަކަށް އަހަރުގެ ތެރޭގައި ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


ހެނދުނުގެ ދަންފަޅީގެ ކިޔެވުން ފެށުމުގެ ކުރިން ކޮންމެ ކުއްޖަކަށް ކިރުތައްޓަކާއި ދޮންކެޔޮ ވަކެއް ދިނުމަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނަޝީދު ވާދަ ކުރެއްވިއިރު ވެވަޑައިގެންނެވި ވައުދެކެވެ. އަދި އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މިހާރުގެ ސަރުކާރުން ވަނީ އެ ޕްރޮގްރާމް ހިންގަން ފަށައިފަ އެވެ. މިދިޔަ ޖޫން މަހުން ފެށިގެން ނާސްތާ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަންނަނީ ހިންގަމުންނެވެ.

އއ. ތޮއްޑޫ ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވަމުން ނަޝީދު މިރޭ ވިދާޅުވީ، ރަނގަޅަށް ނާސްތާ ނުކޮށް ސްކޫލަށް ދާ ކުދިންނަށް ކިޔެވުމުގައި ރަނގަޅަށް ބައިވެރި ނުވެވުމުގެ ސަބަބުން އެ ކުދިން ބާކީވެ، ކުށްވެރިންގެ ގޮތުގައި މުޖުތަމައަށް ދޫވަމުން ދާ ކަމަށެވެ.

"ކްލާހުގައި އިންނައިރު އެ ކުދިންނަށް ފިލާވަޅުތަކަށް، ޓީޗަރުންނަށް ދޭންޖެހޭ އަހައްމިއްޔަތުކަން ނުދެވޭ. އެހެން ނުބެހެއްޓުނީމާ އެ ކުއްޖާ ކްލާހުގައި މަޑުމަޑުން ދަށްވަމުން ދަށްވަމުން ދަނީ. ދެން އެންމެ ފަހުން އޭނާ ފެއިލް ވަނީ،" ރަނގަޅު ނާސްތާ ނުނެގުމުން ދިމާވާ ކަންކަމާ ބެހޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.

"އަށާރަ ވަރަކަށް އަހަރުވެލާއިރަށް ގޯސްކޮށް ދިޔައީމާ އޭނާ ހުންނަނީ ވަޅިއެއް ހިފައިގެން. ނޫނިއްޔާ އޭނާ ހުންނަނީ ހަކުރު ވިއްކަން."

ނަޝީދު ވިދާޅުވި ގޮތުގައި ރަނގަޅު މަގުން ކައްސާލާފައިވާ ގިނަ ކުދިންނަކީ އުމުރުން ފަސް އަހަރުގައި ހުންނަން ޖެހޭ ރަނގަޅު ބަރުދަނަށް ވުރެ ލުއިކޮށް ތިބި ކުދިންނެވެ. ޖަލުން އެފަދަ އެތައް ކުއްޖަކާ އެމަނިކުފާނާ ބައްދަލުވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެއީ ހެނދުނު މަދަރުސާ އަށް ސައިނުބޮއެ އައި ކުދިން. އަންނަން ޖެހުނު ކުދިން. އެހެންވީމާ އެ ސަބަބު ވެސް އޮވެގެން ކުރި ނޭރުނު ކުދިން."

މިހާރު ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ނާސްދޭ ދޭއިރު އެ ލިބޭ ދަރިވަރުންގެ އަދަދަކީ 57،816 އެވެ. އެ ޕްރޮގްރާމް ފެށުމާއެކު އޭގެ ރަނގަޅު ނަތީޖާ ފެންނަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.