ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ކަން ހިނގަމުންދާ ގޮތުން ސުއޫދުގެ ކަންބޮޑުވުން

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މިހާރު ކަންކަން ހިނގަމުންދާ ގޮތާ މެދު ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


ކުރީގެ ބަންޑާރަ ނައިބު ސުއޫދު އެގޮތަށް ކަންބޮޑުވުން ފާޅުކުރެއްވީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ހުށަހެޅި ބައެއް ސިއްރު ހެކިވެރިންނަށް ހަމަލާދިން މައްސަލަތަކެއް ފެންމަތިވެ އަދި ބައެއް ހެކިވެރިން ހެކިބަސް ދޭން ދެކޮޅު ހަދަމުންދާތީ ބައެއް ހެކިންގެ ބައި ދައުލަތުން އިއްޔެ އަނބުރާ ގެންގޮސްފައި ވަނިިކޮށެވެ.

އެކަމާ ގުޅިގެން ސުއޫދު އިއްޔެ ކުރެއްވި ޓްވީޓެއްގައިވަނީ ޔާމީންގެ މަރުގެ ޝަރީއަތުގައި ކަންކަން ހިނގަމުންދާ ގޮތުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އިންސާފުވެރި އަދި އަވަސް ޝަރީއަތެއް ޝަރުއީ ނިޒާމުން ނުލިބޭ ނަމަ، ރައްޔިތުންނަށް އިންސާފު ލިބޭނެ ނިޒާމެއް ދައުލަތުން ގާއިމް ކޮށްދޭން ޖެހޭނެ ކަމަށެވެ.

ސުއޫދު ކުރެއްވި ޓްވީޓް

ޔާމީންގެ މަރުގެ މައްސަލާގައި ހަ މީހަކަށް ދައުލަތުން ދައުވާކުރެ އެވެ. ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިންގެ ތެރެއިން ބައެއް މީހުން ހެކިބަސް ދޭން ދެކޮޅު ހެދުމުން އެ މީހުންގެ ބައި ހެކިންގެ ލިސްޓުން ވަނީ އުނިކޮށްފަ އެވެ. އަދި ބައެއް ސިއްރު ހެކިންނަށް ހަމަލާދިން މައްސަލައެއް ފެންމަތިވެ، އެކަން ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ދައުލަތުން އިއްޔެ ކްރިމިނަލް ކޯޓުގައި ބުންޏެވެ.

އެ މައްސަލާގެ ޝަރީއަތް ބާރު ސްޕީޑެއްގައި މިހާރު ކޯޓުގައި ކުރިއަށް ދާއިރު، މިހާރު ކުރިއަށް ދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާގަ އެވެ. ގިނަ އަދަދެއްގެ ހެކިން ދައުލަތުންނާއި ދިފާއުން ވެސް އޮތީ ހުށަހަޅައިފަ އެވެ.