ފެންވަރު ދަށްކޮށް ރޭނި ހުޅުމީދޫ ސިއްހީ މަރުކަޒުގެ ފާރު ތަޅާލަން އަންގައިފި

ސ. ހުޅުމީދޫ ސިއްހީ މަރުކަޒު ބޮޑުކުރުމަށް އިތުރުކުރާ ބައި، ފެންވަރު ދަށްކޮށް ހަދަމުން ދަނިކޮށް ރައްޔިތުން ޝަކުވާ ކުރުމުން އެ މަސައްކަތް ހުއްޓުވައިފި އެވެ.


ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރަން އަޅާ އިމާރާތުގެ މަސައްކަތް މިދިޔަ ޖުލައި މަހުގެ ތެރޭގައި 1.3 މިލިއަން ރުފިޔާ އަށް ހަވާލުކުރީ ފައިމީ ކޮންސްޓްރަކްޝަނާ އެވެ.

އެ ކުންފުނިން ސިއްހީ މަރުކަޒުގެ އާ އިމާރާތް ރާނަމުން ދިޔައީ ފެންވަރު ދަށް ގަލުންނެވެ. ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ރާނަން ބޭނުންކޮށްފައި ހުރި ގަލުގައި އަތް ކާއްތާލުމުން ވެސް ސިމެންތި ފައިބަ އެވެ. ސަރުކާރުގެ އިމާރާތެއް އެ ގޮތަށް ނޭޅޭނެ ކަމަށް ބުނެ ވީޑިއޯގައި ކަންބޮޑުވުންފާޅުކުރި މީހާ ތުހުމަތު ކުރި ގޮތުގައި އެ އިމާރާތުގައި ބޭނުންކޮށްފައި ވަނީ ސިމެންތި ބަސްތާއަކުން 150 ގާ އަޅައިގެންނެވެ. އާއްމުކޮށް ބަސްތާއަކުން އަޅަނީ ގިނަވެގެން 50 ގާ ކަން އޭނާ ފާހަގަކުރި އެވެ.

އޭނާގެ ނުރުހުމަކީ ބަލިވެގެން ފަރުވާ ހޯދަން ދާ އިމާރާތެއް އެހާ ފެންވަރުދަށްކޮށް އެޅުމެވެ.

ސިއްހީ މަރުކަޒު ފެންވަރު ދަށްކޮށް އިމާރާތް ކުރަމުންދާތީ ހިތްހަމަނުޖެހުންފާޅުކޮށް އާއްމުކުރި ވީޑިއޯ.

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އޭނާގެ އެދިވަޑައިގަތުމަކަށް ހެލްތު މިނިސްޓްރީން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. ފެންވަރު ދަށް ގަލުން ރޭނި ފާރު ތަޅާލައި އަލުން ރާނަން އަންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވުމާ އެއްގޮތަށް ފެންވަރު ރަނގަޅުކޮށް މަސައްކަތް ކުރިއަށް ނުގެންދާ ނަމަ، ފައިސާ ނުދައްކާނެ ކަން ވެސް އޮތީ ކުންފުންޏަށް އަންގައިފަ އެވެ.

ރޮޒޭނާ ވަނީ އެ މައްސަލަ ސަމާލުކަމަށް ގެނައި މީހާ އަށް ޝުކުރު އަދާކޮށްފަ އެވެ.

"ރަށުގައި ހިނގާ މިފަދަ މަޝްރޫއުތައް ކުރިއަށް ދާގޮތް އަވަށު އޮފީހުން ގާތުން ބަލައި ދިނުން އެދެން. އަދި ރަށުގެ ރައްޔިތުން މިކަންކަމަށް ދޭ ސަމާލުކަން މިއީ މިފަދަ ކަންކަން ހައްލުކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް،" ރޮޒެއިނާ ފޭސްބުކްގައި ވިދާޅުވި އެވެ.

ސިއްހީ މަރުކަޒަށް އިތުރުކުރާ ބައި ނިންމަން އެ ކުންފުންޏާ އެކު އެއްބަސްވީ މަސައްކަތް ފަށާތާ ދެ މަސް ތެރޭގަ އެވެ.